logo

ހައްޖުވެރިން ފުރާ ތާރީހުތަކާއި ފްލައިޓްތަކުގެ މައުލޫމާތު އާންމުކޮށްފި

އާމިނަތު މޫސާ
42 މިނިޓު ކުރިން

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް، ރާއްޖޭން ސައުދީއަށް ދަތުރު ކުރާ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ތާރީހުތަކާއި ފްލައިޓްތަކުގެ މައުލޫމާތު ހައްޖު ކޯޕަރޭޝަނުން އާންމުކޮށްފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، ރާއްޖެއިން ޙައްޖަށްދާ މީހުންގެ 50 އިންސައްތަ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިން އިން ކަމަށާއި، އަދި އަނެއް 50 އިންސައްތަ މީހުން ގެންދާނީ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައި ކަމަށެވެ. ރާއްޖޭއިން ޙައްޖަށްދާ މީހުން ގެންދިއުމަށް ހަތަރު ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

  1. ފްލައިޓް 1 : 15 މޭ ( 15:25 )
  2. ފްލައިޓް 2 : 17 މޭ ( 7:10 )
  3. ފްލައިޓް 3 : 18 މޭ ( 15:25 )
  4. ފްލައިޓް 4 : 19 މޭ ( 9:45 )

ސައުދީ އެއާލައިންގެ ދަތުރުތައް ކުރާނީ މެއި 15 އަދި 18 ވަނަ ދުވަހު އެވެ. އަދި މެއި 17 އަދި 19 ވަނަ ދުވަހުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ފްލައިޓްގަ އެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިނާގެ ޓެންޓުތަކުގެ އިންތިޒާމުތައް މިހާރަށްވުރެ ފުރިހަމަކޮށް، ޙައްޖާޖީންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެންމެ މަތީ ފަންތީގައި ފޯރުކޮށްދިނުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ހައްޖު މިޝަންއިން މިހާރު އަންނަނީ ހައްޖާޖީން މައްކާއަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ޙާޖީން ތިބޭ ހޮޓާވެސް އެ މިޝަނުން ވަނީ ބައްލަވާ ލައްވާފަ އެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ކޯޓާ އެވެ. ޙައްޖާޖީންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ދާ ފަރާތްތައްވެސް ދަތުރުކުރަނީ މި ކޯޓާގަ އެވެ.

ad