logo

މަސްވެރިން މަހަށް ނިކުމެވޭނެކަން ޔަގީންކޮށް ގިނަ ފިޔަވަޅުތަކެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
15 ގަޑިއިރު ކުރިން

މެދު އިރު މަތީގައި ހިނގަމުން އަންނަ ހަގުރާމައާއި ގުޅިގެން ދުނިޔޭގެ އިގްތިސޯދު ހީނަރުވެފައިވާ މި ދަނޑިވަޅުގައިވެސް ސަރުކާރުން ދިވެހި މަސްވެރިންނަށް މަހަށް ނިކުމެވޭނެކަން ޔަގީންކޮށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ދިވެހި މަސްވެރިންނަށް މަހަށް ފުރޭނެކަން ކަށަވަރުކޮށް މަސްވެރިންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަހި ހަކަތަ ޕްރޮގްރާމުގެ ދަށުން ތެލަށް ސަބްސިޑީ ދޭން ވަނީ ފަށާފައެވެ.

މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން ފަހި ހަކަތަ ސަބްސިޑީ ރިވައިޒްކޮށް ކޮންމެ ލީޓަރަކުން 0.84 ލާރި ދިނުމަށް ވަނީ ނިންމާފައެވެ. އަދި ހަންގުރާމައާއި ގުޅިގެން ތެޔޮ އަގު ބޮޑުވި ވަގުތުވެސް ހަންގުރާމައިގެ ކުރިން މިފްކޯއިން ތެޔޮ ވިއްކަމުން ދިޔަ އަގުގައި މިހާރުވެސް މަސްވެރިންނަށް ދަނީ ތެޔޮވިއްކަމުންނެވެ.

ކަޅުބިލަ މަހުގެ މަސްވެރިންނެކޭ އެއްގޮތަށް ބޮޑުކަންނެލި މަސްވެރިންނަށް އެސް. ޓީ.އޯ ޝެޑް ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިހާރު ސަބްސިޑައިޒް އަގުގައި ތެޔޮލިބޭނެއެވެ.

ހަނގުރާމައިގެ ހާލަތުގައި މިފްކޯއަށް ކުރިމަތި ވެފައިވާ ގޮންޖެހުންތަކާއެކުވެސް ސަރުކާރުގެ އެހީތެރިކަމާއެކު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް އަންނަނީ ބަރާބަރަށް ފައިސާދައްކަމުންނެވެ.

މީގެއިތުރުން ދުނިޔޭގެ އިގުތިސާދަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން މިފްކޯއަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުންފުނީގެ ޚަރަދުތައް ހަރުދަނާ ގޮތެއްގައި ކޮންޓްރޯލްކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.

މިފްކޯ ހަރަކާތްތެރި ނުވާ ސަދަހައްދުތަކުން މަސްވެރިންނަށް ސަބްސިޑައިޒް އަގުގައި ތެޔޮ ނުލިބޭތީ އެކަމަށް ހައްލެއް ހޯދުމަށްޓަކައި މިހާރުވެސް އިފުރުގެ 4 ސަރަހައްދަކުން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށްވެސް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މަސްދަޅުގެ އަގު ބޮޑު ނުކޮށް ހިފެހެއްޓުމަކީ ކާބޯތަކެތީގެ އަގު މައްޗަށް ދިޔަ ނުދީ ހިފަހައްޓަން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ad