މިދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި މަދިރިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ، ޑެންގީ ވައިރަސް ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް ސަލާމަތުން ހުރި މީހެއްގެ ގައިގައި ހެފުމުންނެވެ. އާންމުގޮތެއްގައި މަދިރި ހަފާތާ 2 ދުވަހާއި 7 ދުވަހާ ދެމެދު ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ.
ޑެންގީ ހުން ޖެހުމުން ފެންނަ އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި 39 ޑިގްރީ ސެލްސިއަސްއަށްވުރެ ހުން ގަދަވުމާއި، ބޮލުގައާއި ގައިގައި ގަދަޔަށް ރިއްސުމާއި، ލޮލާއި، ލޮލުގެ ވަށައިގެން ރިއްސުން ހިމެނެއެވެ. މީގެ އިތުރުން ހުޅުހުޅުގައި ރިއްސުމާއި ހުޅުތައް ދުޅަވުން އަދި ބަނޑުގައި ރިއްސައި ހޮޑުލެވުމުގެ އިތުރުން ހަންގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
ބަލީގެ ނުރައްކާތެރި އަލާމާތްތަކުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކުރަނީ އާދަޔާ ހިލާފަށް ވަރުދެރަވުމާއި، ނޭފަތާއި، ހިރުގަނޑުން ނުވަތަ ހަންގަނޑުން ލޭ އައުމާއި، ގަދައަށް ބަނޑުގައި ރިއްސުމެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ނުވަތަ 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބަލިޖެހުމުން ގޭގައި ކުރެވިދާނެ ފަރުވާތަކުގެ ތެރޭގައި އަރާމުކުރުމާއި، ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ފައިދާހުރި ކާނާ ކެއުން ހިމެނެއެވެ. އަދި ހުން މަޑުކުރުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓްމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ. މަދިރި ހެފުމުން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް އެޗްޕީއޭއިން ބާރުއަޅައެވެ. އީޑީސް މަދިރިއަކީ ދުވާލު ގަޑީގައި ހަފާ މަދިރިއަކަށް ވީނަމަވެސް، ހުރިހާ ވަގުތެއްގައިވެސް މަދިރިން ރައްކާތެރިވުން މުހިންމެވެ.
ޑެންގީއިން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކުރެވިދާނެ ކަން ކަމުގެ ތެރޭގައި ގެއާއި ގޯތިތެރޭގައި ފެން ހަރުލާފަދަ ތަންތަނާއި ތަކެތި ހަފުތާއަކު އެއްފަހަރު ސާފުކުރުން، ގަސްމުށި ފަދަ ތަކެތީގައި ފެން ނޭޅޭނެހެން ބެހެއްޓުން، ކޮންސްޓްރަކްޝަން ސައިޓްތަކާއި އާންމު ތަންތަނުގައި ހުންނަ ފުޅިއާއި ދަޅު ފަދަ ތަކެތި ބަންޑުން ޖެހުން، މަދިރި ނައްތާލުމަށް ބީޓީއައި ނުވަތަ ޓެމިފޯސް ބޭނުންކުރުން.ޚާއްޞަ ސަމާލުކަމެއްގެ ގޮތުން އެޗްޕީއޭއިން ފާހަގަކުރީ، އީޑީސް މަދިރީގެ ބިސް ފެން ނެތް ހާލަތުގައިވެސް 6 މަސްދުވަހަށްވުރެ ގިނަ ދުވަހު ހަލާކުނުވެ ހުންނާތީ، ފެން ހަރުލާ ތަކެތި ހަމައެކަނި ހުސްކޮށްލުމުގެ ބަދަލުގައި އެ ތަކެތި ރަނގަޅަށް ސާފުކުރުން މުހިންމު ކަމަށެވެ.
