logo

ޓެކްސީގެ އަގުތަކަށް ބަދަލު ގެންނާނީ މަޝްވަރާ ކުރުމަށް ފަހު: ސައީދު

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ އެކަމާގުޅޭ ގޮތުން ހުރިހާ ފަންތިއެއްގައި މަޝްވަރާތައް ކުރުމަށްފަހު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފިހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ދުނިޔޭގެ ތެލުގެ އަގު ބޮޑުވުމާއެކު ޓެކްސީގެ އަގުތަކަށް ބަދަލު ގެނައުމަށްޓަކައި ޓެކްސީ ޑްރައިވަރުން ބޭނުންވާ ކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާގެ މެންޑޭޓް ހަވާލުވިއިރުވެސް، އެ ވުޒާރާގެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ޓެކްސީތަކުގައި ސްޓޭންޑާޑުވެސް ހުންނަން ޖެހޭ ކަމަށާއި، ޓެކްސީއަކީ މީޓަރުވެސް ހުންނަން ޖެހޭ އެއްޗެއް ކަމަށް ސަރުކާރުން ނިންމަވާފައި އޮތިއްޔާ އޮންނާނީ ޓެކްސީ ސެންޓަރުތަކާއިވެސް ވާހަކަދެކެވިގެން ކަމަށެވެ.

"ހުންނަން ޖެހޭ އެއްޗެއް ވިއްޔާ ހުންނަން ވާނެ އެ ގަވާއިދު އެގޮތަށް ލިޔެވިފަ އޮވެއްޖެއްޔާ. އެ ނުބެހެއްޓޭނެ އެއްޗެއް ކަމަށް ވަންޏާ ގަވާއިދުން އެ އުނިކޮށްފައި އިންނާނެ ނުބަހައްޓަން، އެކަމަކު ބަަހައްޓަން ޖެހެންޏާ ބަހައްޓަން ވާނެ، އެއިރުންތާ ރައްޔިތުންނަށް އެނގޭނީ މި ސްޓޭންޑާޑް."އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

މިމައްސަލަގައި ގޮތެއް ނިންމެވުމުގެ ކުރިން މިކަމާގުޅޭގޮތުން ފުރިހަމައަށް މަޝްވަރާ ކުރެވެންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކެބިނެޓުގައި މިކަމާގުޅޭ މަޝްވަރާތައް ކުރައްވަންޖެހޭ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު އުފުލި، ރާއްޖޭގައި ތެލުގެ އަގަށްވަނީ ބަދަލު އައިސްފައި ވުމާއި ގުޅިގެން ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވަނީ އެދިފައެވެ.

ad