މާލޭގައި 1 އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިދޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރައިން ބުނީ، އެއް އަހަރަށްވުރެ ކުރު މުއްދަތަކަށް މާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކަށް އެޕްލައި ކުރެވޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް އެދި މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް ކަން އެނގޭނެ ލިޔެކިިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވީ ތާރީހު އަންގައިދޭ ލިޔުމެއް ހުށައަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
ބިންވެރިޔާ ހާއްސަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ ތިނެއްގެ ދަށުން ފުލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ޕުރޮގުރާމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، މޭ 10 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން މެއި 31 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.
އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އިއުލާނުގައިވެއެވެ.
އެ ވުޒާރާއިން ބުނީ، ގޯއްޗަށް އެދި ހުށަހަޅާއިރު، އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އެގޮތުން އެވުޒާރާއިން އާންމުކުރި އިއުލާނެއްގައި ބުނީ، "މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް" ކަން އެނގޭނެ ލިޔެކިިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވީ ތާރީހު އަންގައިދޭ ލިޔުމެއް ހުށައަޅަން ޖެހޭނެ ކަމަށެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން އަދި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

