logo

އެމްޕީއެލްގެ ޚަރަދު ކުޑަކުރަން ޚާއްސަ ފިޔަވަޅުތަކެއް

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެމްޕީއެލް އިން ނިންމައިފިއެވެ.

އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މައިގަނޑު 6 ފިޔަވަޅެއް ތަންފީޒު ކުރުމަށް ވަނީ ނިންމާފައެވެ.

އެމްޕީއެލްއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިދާރީ މުވައްޒަފުންގެ މަސައްކަތުގެ ގަޑިއަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިދާރީ މުވައްޒަފުންގެ މިހާރު ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން މެންދުރުފަހު 14:00 އެވެ. މީގެ ކުރިން މަސައްކަތު ގަޑި ނިމެނީ 15:30 އެވެ. މީގެ އިތުރުން އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތް މުވައްޒަފުންގެ މަސައްކަތު ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރު ނުކުރަން ވަނީ ނިންމާފައެވެ.

އެމްޕީއެލްއިން މީގެ އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުުރުތައް ހުއްޓާލުން ހިމެނެއެވެ. އަދި ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާ ދަތުރުތަކުގައިވެސް، ކުންފުނިން ކުރާ ހަދަރުތައް ވީހާވެސް ކުޑަކުރުމަށާއި ރާއްޖޭން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރަކުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެކުންފުނިން ވަނީ ރާއްޖޭން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިންތައް މި ވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ.

އެކުންފުނިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުމަށްވެސް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. މިހިނގާ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމި މި ކޮންފަރެންސް މިހާރު ބޭއްވުމަށް ތާވަލްކޮށްފައިވަނީ މި އަހަރުގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ކަރަންޓުގެ ހަރަދު ކުޑަކުރުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި، ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަހުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އަދި، ހަރަދު ކުޑަކުރުމަށް އޮަޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ނިންމި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ. އަދި، މި ބަދަލާއެކުވެސް، މުދާ ބޭލުމާއި ކްލިއަރކުރުމުގެ ޚިދުމަތްތައް މިހާރެކޭ އެއް ގޮތަށް ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.

ad