ހުޅުމާލޭ ފޭޒް 2 ގައި "ހުޅުމާލެ ކުޅިވަރު އެކުވެނި" ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ ކުޅިވަރާއި ދުޅަހެޔޮކަމަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމްކޮށްފައިވާ ތަނެކެވެ.
މި އެކުވެނީގައި އެކި ކަހަލަ ކުޅިވަރުތައް ކުޅުމަށް ހާއްސަ ކޯޓުތަކާއި ޕިޗުތައް ހިމަނާފައިވާއިރު މިއީ ދުޅަހެޔޮ މުޖުތަމައެއް ދެމެހެއްޓުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެޗްޑީސީން ފާހަގަކުރެއެވެ.
މި އެކުވެނި ހުޅުވުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިތަން ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ޙުސައިން ޝަރީފާއި އެޗްޑީސީގެ އިސްވެރިން އަދި ބައެއް ކުޅިވަރު އެކަޑަމީތަކުގެ މެމްބަރުން ބައިވެރިވެފައިވެއެވެ.
މި އެކުވެނީގައި ހިމެނޭ ކުޅިވަރު ވަސީލަތްތަކުގެ ތެރޭގައި، ހޭންޑްބޯޅަ ކޯޓު، ނެޓްބޯޅަ ކޯޓު، ބާސްކެޓް ބޯޅަ ކޯޓުގެ އިތުރުން ވޮލީ ކޯޓަކާއި ބަށި ކޯޓެއް ހިމެނެއެވެ.
ހުޅުމާލެ ކުޅިވަރު އެކުވެނި ގާއިމްކޮށްފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ހުޅުވި ޞަލާޙުއްދީން ސްކޫލާ ދިމާލުން އޮންނަ ހުސް ބިމުގައެވެ.
މާލެ ސަރަހައްދުގައި، ޙާއްސަ ގޮތެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރު ކުޅެން އެކަށީގެންވާ ކޯޓުތައް ނުވަތަ ދަނޑުތައް ނެތުމުގެ ކަންބޮޑުވުން މީގެކުރިން ރައްޔިތުން ކޮށްފައިވާއިރު، ހުކުރު ދުވަހުގެރޭ ހުޅުވި ހުޅުމާލޭ ކުޅިވަރު އެކުވެންޏާއެކު މި ކަންބޮޑުވުންތަކަށް ތަަސައްލީއެއް ލިބިގެންދާނެއެވެ.
ފާހަގަކޮށަލަން ޖެހޭ ގޮތުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމުގައި، ކުޅިވަރު އަދާކުރާ ދައުރު ބޮޑުކުރުން އެއީ މި ސަރުކާރުގެ ސިޔާސަތުކަމަށް ވިދާޅުވެފައެވެ.
އެ ސިޔާސަތު ތަންފީޛުކުރުމުގެ ގޮތުން، މި ދާއިރާއިން ސަރުކާރުން ފެށި 33 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި މި ސަރުކާރުން ހަވާލުވިއިރު ނުނިންމާހުރި 59 މަޝްރޫޢެއް، މިދިޔަ އަހަރުގެ ތެރޭގައި މި ސަރުކާރުން ނިންމާފައިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ޖުމްލަ 92 މަޝްރޫޢެއް، މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން މި ސަރުކާރުން ފެށި، ކުޅިވަރާއި ހަށިހެޔޮކަމުގެ 879 މަޝްރޫއެއްގެ މަސައްކަތް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

