logo

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 787 އުޅަނދު ޓޯކޮށްފި

އާމިނަތު މޫސާ
2 ދުވަސް ކުރިން

ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ދޫކޮށްލާފައި ހުރި 787 އުޅަނދު ނެގުމުގެ މަސައްކަތް ފުލުހުން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނިންމާލައިފިއެވެ.

މި މަސައްކަތުގެ ދަށުން ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ވަނީ ނަގާފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން ރޭ 8:00 ޖެހުމާ ހަމައަށެވެ.ފުލުހުންގެ މައުލޫމާތު ދިންގޮތުގައި، މި މުއްދަތުގެ ތެރޭގައި ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 އިން ޖުމްލަ 787 އުޅަނދެއް ވަނީ ޓޯ ކޮށްފައެވެ.

މީގެތެރޭގައި ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދަކާއި، ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތި މަގުމަތީގައި ބަހައްޓާފައި ހުރި 186 އުޅަނދެއް ހިމެނެއެވެ. މީގެ އިތުރުން މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދެއްވެސް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ޓޯކުރެވޭ އުޅަނދުތައް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާ ބެހޭގޮތުން ފުލުހުން ބުނީ، އުޅަނދުގެ ވެރިފަރާތުން ދައްކަންޖެހޭ އެންމެހައި ޓްރެފިކް ޖޫރުމަނާ ދެއްކުމަށްފަހު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ދިއުމުން ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށެވެ.

އަދި ޓޯ ކުރާ އުޅަނދުތައް ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިޔުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުންކަމަށް ފުލުހުން ބުނެފައިވެއެވެ. މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ފުލުހުން ކަށަވަރުކުރާނެއެވެ.

ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި އުޅަނދުތަކާމެދު ޢަމަލުކުރާނެ ގޮތްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޓޯ ކުރާ އުޅަނދުތައް ހަތ ދުވަސް ފަހުން އާންމުކޮށް އިއުލާންކޮށް، އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުރި އުޅަނދުތައް ޤާނޫނާއި ޤަވައިދުތަކުގައި ވާގޮތުގެމަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންގެދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ad