logo

ކައުންސިލް އިންތިހާބެއްގައި ގިނަ ބަޔަކު ވޯޓްލީ މިފަހަރު

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ހޮނިހިރު ދުވަހު ރާއްޖޭގައި ކުރިއަށްދިޔަ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 73 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ރާއްޖޭގައި 3 ވޯޓެއް ނަގާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެވެ.

މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު 294,876 މީހަކަށް ލިބިފައިވާއިރު، އޭގެތެރެއިން 214،898 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މިއީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 73 އިންސައްތަޢެވެ.

ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 08:00 އިން ހަވީރު 05:00 އަށެވެ. ވޯޓުލުން ކުރިއަށްދާ ގޮތަށް ފުރަތަމަ އޮތީ ހަވީރު 04:00 އާ ހަމައަށް ނަަމަވެސް، ހޫނުގަދަ ކަމުގެ ޝަކުވާއާއެކު، 05:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު އީސީން އިތުރުކުރީއެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ ގޮނޑިތަކާއި ކައުންސިލް ރައީސްގެ މަގާމު ކާމިޔާބުކޮށްފައި ވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އަދި ގިނަ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމުވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.

ސިޓީތަކުގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލް ގިނަ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ގިނަ ރައްޔިތުން ތާއީދުކޮށްފައި ވަނީ އިންތިޚާބުތައް އެއް ދުވަހެއްގައި ނުބޭއްވުމަށެވެ.

ad