ލ. ގަމުގައި އީދުގެ ކުޅިވަރުތަކަށް ތައްޔާރުވުމުގެ ތެރޭގައި ކަރަންޓު ޖެހުނު ކުއްޖާގެ ހާލަތު ސީރިއަސް ކަމަށާއި، މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި، ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
މިހާދިސާގައި އަނިޔާ ލިބިފައިވަނީ، ލ. ގަމުގެ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާ ކަރަންޓުޖެހުމަށް ދިމާވީ، އަންގާރަ ދުވަހުގެރޭ، ގަމުގައި ޢީދު ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީގެ ތެރެއިން މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.
ކުއްޖާގެ މިހާރު ހާލަތާއި ފަރުވާ އާއި ބެހޭގޮތުން އައިޖީއެމްއެޗް އިން ބުނެފައިވަނީ، ލ. ގަމުން ކަރަންޓުގައި ޖެހިގެން އިތުރު ފަރުވާއަށް މާލެއަށް ބަދަލުކުރި ކުއްޖަކަށް ފަރުވާ ދެމުންދާކަމަށާއި، ކުއްޖާގެ ހާލަތު މިވަގުތު ސީރިއަސް ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގަ، ވެންޓިލޭޓަރުގައި ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެފައިވެއެވެ. އެހެންނަމަވެސް ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލްތަކެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، އަންގާރަ ދުވަހުގެރޭ 11:00 ހާއިރު، ލ. ގަމުގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ކަރަންޓުޖެހުނު ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި މިހާދިސާ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން ގެންދާކަމަށެވެ.

