ދައުލަތުން ދޫކުރާ ބޯހިޔާވަހިކަން ލިބޭ ހާލަތުގައި، އަމިއްލަ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުދި ބިންތައް ދައުލަތައް ދޫކޮށްލުމުގެ ބަދަލުގައި، އެ ބިން އާއިލާގެ ކޮންމެވެސް އެހެން މީހަކަށް ދެވޭގޮތަށް ނިންމާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުގައި ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން ބިން ލިބުނު މީހުންނަށް ބިން ދޫކުރަނީ އެމީހުންނަށް މާލެއިން ލިބިފައި އޮތް ގޯތި ދޫކޮށްލުމުންނެވެ. އަދި މި ސަރުކާރުން އިއުލާނުކޮށްފައިވާ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރާ ގޯތީގެ ބަދަލުގައި މާލޭގައި 600 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް އޮތް މީހެއްނަމަ އެ ގޯތި ދޫކޮށްލަންޖެހެއެވެ.
ރައީސް ވިދާޅުވީ މިހާރު އުސޫލު އޮންނަގޮތުން، އެފަދަ ބިންކޮޅު ދޫކޮށްލަންޖެހެނީ ދައުލަތަށްކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ބިންކޮޅު އާއިލާގެ ކޮންމެވެސް މީހަކަށް ދޫކޮށްލެވޭގޮތަށް ވަރަށް އަވަހަށް އެކަމުގެ އުސޫލު އާއްމުކުރާނެކަމަށެވެ. މިއަދު ނޫނީ މާދަމާ، އެކަމާ ގުޅޭ އުސޫލު އާއްމު ކުރާނެކަމަށެވެ.
ރައީސް ވިދާޅުވީ އެންމެ ފަހުން ދޫކުރި ފްލެޓް ލިބުނު މީހުންގެ ތެރެއިން، މި އުސޫލުން ސަރުކާރަށް ބިން ދޫކޮށްލި މީހުންނަށްވެސް، އެ ބިން އާއިލާގެ މީހެއްގެ ނަންމައްޗަށް ބަދަލުކުރުމުގެ ފުރުސަތު ދޭން ނިންމާފަވާކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ، ގޯތި ނުވަތަ ފުލެޓު ލިބުނު މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ، ނުވަތަ ދަރިން، އެއްބަނޑު އެއްބަފާ އަހުންނާއި އުހުތުންގެ ތެރެއިން އެމީހާ ބޭނުންވާ މީހަކަށް އެ ގޯތި ދިނުމުގެ ފުރުސަތު ލިބޭ ގޮތަށް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރަށް ދޫކޮށްލަން ޝަރުތުކުރާނީ އެމީހެއްގެ ނަންމަތީގައި ސޯޝަލް ސްކީމުން ލިބިފައިވާ ފްލެޓެއް އޮންނަމަ، އެފަދަ ބޯހިޔާވަހިކަންކަމަށެވެ. ރައީސް ވިދާޅުވީ މިގޮތަށް ނިންމީ، ބައެއް ފަރާތްތަކުން، އެ ކުޑަ ބިންކޮޅު ތަރައްގީކުރުމަށްވެސް ލޯނު ނެގުމާއި، އަދި ގެދޮރު އިމާރާތްކުރުމަށްވެސް އެކި ވަރުގެ ހަރަދުތައް ކޮށްފައި ހުންނާނީ، އެކަމުގެ މަންފާ އާއިލާއަށް ލިބިދިނުމަށްކަމަށެވެ. އެހެން ނޫންނަމަ، އެކަން ވެގެންދަނީ އެ އާއިލާއަށް ބޮޑު އިސްރާފަކަށްކަމަށެވެ.
ރައީސް ވިދާޅުވީ ޖޮއިންޓްވެގެން ގޯތި ލިބުނު މީހުން އެކުވެގެން އެމީހުންގެ ހުރިހާ ގޯތިތަކެއް އެކީ ދޫކޮށްލާ ގޮތަށް ގޯތި ލިބިފައިވާނަމަ އެ މީހުންގެ ގޯތިތައް ދޫކޮށްލަން ލާޒިމުވާނެ ކަމަށެވެ. ލާޖައްސައިގެން ގޯތި ލިބޭ ކެޓަގަރީން ގޯތި ލިބޭ މީހުންވެސް ގޯތި ދޫކޮށްލަންޖެހޭނީ ސަރުކާރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

