ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށް މެންދުރު 12:00 އިންފެށިގެން އިރުއޮއްސި 18:00 އަށެވެ. މެޓުގެ ސަމާލުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށާއި، އަދި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވާނެކަމަށާއި، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް މެޓުން ބުނެއެވެ.
ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

