logo

ވަތަނީ ހިދުމަތުގެ ތިންވަނަ ބެޗުގައި ބައިވެރިވާން ހުޅުވާލައިފި

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ، އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތުން ބިނާކޮށް މަސައްކަތަށް އަހުލުވެރިކޮށް އަހުލާގު ރަނގަޅު ހަރުދަނާ ޒުވާނުން ބިނާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުން، ބެޗުން 344 ޒުވާނުން ތަމްރީނުވެ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވެފައި ވެއެވެ.

މީގެ ތެރެއިން ހޮވުނު 65 ކުދިން ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުތައް މި އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބ.އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގައި ދަނީ ކުރިއަށެވެ. އަދި ފަންނީ ތަމްރީނަށް ނުހޮވުނު 241 ޒުވާނުންނަށް ސަރުކާރުން ވަޒީފާ ވަނީ ހަމަޖައްސައިދީފައެވެ.

އަދި ދެވަނަ ބެޗްގެ ތަމްރީނުތައް މިހާރު ދަނީ ކުރިއަށެވެ. އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، މި ޕްރޮގްރާމަށް އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފުރިހަމަ ސިއްހަތެއްގައި ހުރި ފަރާތްތަކަށް ކުރިމަތިިލެވޭނެ ކަމަށެވެ.

ތިން މަސް ދުވަހުގެ މި ޕްރޮގްރާމްގެ ތަމްރީން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ.

ތަމްރީނު ހިންގާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ޅ.މާފިލާފުށިގައެވެ.

ނެޝަނަލް ސާވިސް އިނީޝިއަން ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އެ ތަމްރީންގެ ސެޓްފިކެޓާއި ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑްގެ އިތުރުން އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރުމުގެ ސެޓްފިކެޓު ވެސް ލިބޭނެ އެވެ.

ad