ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން މާދަމާ އޮންނާނެ ކަމަށާ މި ވޯޓަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ބައި-އިލެކްޝަން މާދަމާ ބާއްވާއިރު، މިއަދު އިރުއޮއްސި 6:00 ފެށިގެން އާދިއްތަ ދުވަހު ހެނދުނު 6:00 ހަމައަށް ކެމްޕެއިން ކުރުން މަނާވާނެއެވެ.
އައްޑޫގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އީސީން ވަނީ އާންމުކޮށްފައެވެ. އެގޮތުން މި ވޯޓުގައި މުޅި ޖުމްލަ 4،121 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.
މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާ އިރު، އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮށި ކަމަށް އީސީން މައުލޫމާތުދެއެވެ.
ވޯޓު ފޮށި ބަހައްޓާ ތަންތަނަށް ބަލާލާއިރު، މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ އިރުމަތި، މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ ހުޅަނގު، އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު ދެކުނު، އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު މެދު، އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު ކްލާސްރޫމް 1 އަދި އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު ކްލާސްރޫމް 2 ހިމެނެއެވެ.
މީގެ އިތުރުން އީސީން ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އެކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މި ވޯޓަށް ބޭނުންވާ އޮފިޝަލުން ހަމަވެފައިވާއިރު، އެ އޮފިޝަލުންނަށް ތަމްރީނު ޕްރޮގްރާމެއްވެސް ކުރިއަށްގެންގޮސްފައިވާ ކަމަށް މައުލޫމާތުދެއެވެ.
ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށް ނިމި، މި ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް ޗާޕުކޮށް ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައްވެސް މިހާރު އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. އަދި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 12 ގައެވެ.
އެހެންކަމުން ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުﷲ ސާދިގެވެ.
