logo

މި ރަމަޟާންމަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މާލޭގައި ބާއްވާ މި ފޯރަމްގައި ތަގުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އެގޮތުން މިރޭގެ ފޯރަމަށް ކަނޑައަޅާފައިވާ މައުޟޫއު އަކީ "ރަމަޟާން މަހުގެ މަތިވެރިކަން" އެވެ. ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި، މިރޭ 9:30 ގައެވެ.

މާލޭގެ އިތުރުން 10 ރަށެއްގައި މިއަހަރު އިހްޔާ ފޯރަމްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަތޮޅުތެރޭގައި އިހްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވާލި ފުރުސަތުގައި، ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ރިއާޔަތްކުރުމަށްފަހުއެވެ.

އެގޮތުން، އިހްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައެވެ.

މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެއިތުރުން މި އަހަރުވެސް އިހްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އެކި އިނާމުތައް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މިއަހަރު މީސްމީޑިއާ މެދުވެރިކޮށް، އާއްމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ވީޑިއޯ ކޮންޓެންޓުތައް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށާއި މުވައްސަސާތަކާއި ޖަމިއްޔާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ރަމަޟާން މަހު އަޅުކަމަށް އަހައްމިއްޔަތު ދިނުމާއި، ވަގުތު އެންމެ އެކަށީގެންވާ ގޮތެއްގައި ހޭދަކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް ބާއްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.

ad