logo

ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ބްރޯންޒް އެވޯޑް ލިބިއްޖެ

ދިވެހި ޗެނަލް
ދިވެހި ޗެނަލް
15 ދުވަސް ކުރިން

އިނގިރޭސި ވިލާތުގެ ފަތުރުވެރިކަމުގެ މަޖައްލާ، ވޮންޑާލަސްޓްގެ ކިޔުންތެރިންގެ ވޯޓުން ހޮވާ، ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑުގައި ދުނިޔޭގެ އެންމެ މަގްބޫލު ޖަޒީރާ މަންޒިލްގެ ބްރޯންޒް އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ އިނގިރޭސިވިލާތުގެ ލަންޑަން ގެ ނެޝެނަލް ގެލަރީގައި ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު އޮތް ކުލަގަދަ ހަފްލާގައި އެ އެވޯޑާ ހަވާލުވެވަޑައިގަތީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ކަމަށެވެ.

ލަންޑަންގައި ކުރިއަށްދިޔަ ވޯލްޑް ޓްރެވަލް މާޓް 2025 ގެ ހަވާސާގައި ކުރިއަށްދިޔަ އެ އެވޯޑް ހަފްލާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަގްބޫލު މަންޒިލްތަކަށް 22 ކެޓަގަރީއަކުން އެވޯޑު ދީފައިވެއެވެ.

މިއަހަރުގެ އެވޯޑުގައި 4.8 މިލިއަން ވޯޓާއެކު ރާއްޖެ ހޯދި ކާމިޔާބީއަކީ ވިލާތާއި މުޅި ދުނިޔޭގައި ވެސް ރާއްޖެއަށް އޮތް މަގްބޫލުކަން ރަމްޒުކޮށްދޭ ހެއްކެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

އެ އެވޯޑް ލިބުމުން ޝިއުރީ ވިދާޅުވީ އެ ޝަރަފަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަށް ދެވިފައިވާ ހާއްސަކަން ދެމިހުރިކަމުގެ ރަމްޒެއް ކަމަށެވެ.

"މިއީ ސީދާ ކިޔުންތެރިންނާއި ފަތުރުވެރިންގެ ވޯޓުން ހޮވޭ އެވޯޑެއްކަމުން ވިލާތުގައި އަދިވެސް ރާއްޖެއަށް އޮތް ލޯތްބާއި މަގްބޫލުކަން ވަރަށް ބޮޑަށްވެސް ހާމަވެގެން ހިނގައްޖެ" ޝިއުރީ

މިހާރު 24 ވަނަ ބާބު ގުނަމުންދާ ވޮންޑާ ލަސްޓް ރީޑާ ޓްރެވަލް އެވޯޑަކީ ފަތުރުވެރިކަމުގެ މައިދާނުގައި ދުނިޔޭގައި ދެވޭ އެންމެ ގަދަރުވެރި އެވޯޑުތަކުގެ ތެރެއިން އެއް އެވޯޑެވެ. މިއަހަރުގެ އެވޯޑުގައި ރާއްޖެ ވާދަކުރީ ގަލަޕެގޮސް އައިލަންޑްސް، ބަހާމާސް، ޓެސްމޭނިއާ އަދި ބަރމިއުޑާ ފަދަ މަޝްހޫރު މަންޒިލްތަކާއެވެ.

ad