logo

މުޅި ދުނިޔޭގެ އެންމެންގެ ނަޒަރު "ގްލޯބަލް ސުމުދް ފްލޮޓިލާ" އަށް، އެންމެ ނާޒުކު މަރްހަލާގެ ދަތުރަށް ފެށިއްޖެ

ސައިފު އަޒުހަރު
8 ދުވަސް ކުރިން
"ގްލޯބަލް ސުމުދް ފްލޮޓިލާ" މިހާރު ދަތުރުކުރަމުންދާ ސަރަހައްދު:

"ގްލޯބަލް ސުމުދް ފްލޮޓިލާ" މިހާރު ދަތުރުކުރަމުންދާ ސަރަހައްދު:

މުޅި ދުނިޔޭގެ އެންމެންގެ ނަޒަރު މިހާރު ހުއްޓިފައިވަނީ، ޣައްޒާގެ ހިސާރު ފޫއަޅުވާލަންދާ "ގްލޯބަލް ސުމުދް ފްލޮޓިލާ" އަށެވެ.

އިންސާނީ އެހީގެ މިޝަންއެއްގައި މިމަހުގެ 13 ވަނަ ދުވަހު ފެށި ދަތުރުގައި ފަންސާހާ ގާތްކުރާ އަދަދަކަށް ބޯޓު ބައިވެރިވެއެވެ. މިއީ، އެކި ގައުމުތަކަށް ނިސްބަތްވާ ބޯޓުތަކެވެ.

މި ބޯޓުތަކުގައި ފައްސަތޭކައަށްވުރެ ގިނަމީހުން ދަތުރުކުރަމުން އެބަ ގެންދެއެވެ. އޭގެ ތެރޭގައި، ސިޔާސީ މީހުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަޝްހޫރު އެކްޓިވިސްޓުންނާއި، ޑޮކްޓަރުންނާއި، އާޓިސްޓުންނާއި، ގާނޫނީ އެތައް ވަކީލުންވެސް ހިމެނެއެވެ.

މި ގާފިލާ މިހާރު ދަތުރުކުރަމުން ގެންދަނީ، ބައެއް ގައުމުތަކުން ފޮނުވި ކަނޑުގެ މަނަވަރުތަކުގެ ހިމާޔަތުގައެވެ. މީގެއިތުރުން، ގާފިލާގެ ދަތުރު މޮނިޓަރކުރަން ޑްރޯންތައްވެސް މިހާރު އުދުހެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ގްލޯބަލް ސުމުދް ފްލޮޓިލާ" ގާފިލާގައި ހިމެނޭ ބޯޓުތައް މިހާރުވަނީ އެންމެ ނާޒުކު ސަރަހައްދަށް ވަދެ، ދަތުރުފަށާފައެވެ. އެއީ، "އޮރެންޖް ޒޯން" އެވެ. ދުނިޔޭގެ އެންމެންވެސް މިހާރު ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

އެއީ، މީގެކުރިން ޣައްޒާގެ ހިސާރު ފޫއަޅުވާލަން އައި ހުރިހާ ފްލޮޓިލާއަކަށް އިސްރާއީލުން ހަމަލާދީފައިވަނީ މި ސަރަހައްދުން ކަމަށް ވާތީއެވެ. އެގޮތުން، ބައެއް ބޯޓުތަކަށް އިސްތިއުމާރީ ސިފައިން އަރައި، އެކްޓިވިސްޓުން މަރާފައި ވެއެވެ. އަދި ބައެއް ބޯޓުތަކުގެ އެންމެން އަނިޔާވެރި ގޮތެއްގައި ހައްޔަރުކޮށްގެން އިސްރާއީލަށް ގެންގޮސް ބޮޑެތި އަދަބުތައްވެސް ދީފައި ވެއެވެ.

އެ ޖަރީމާތައް އޭރު ހިންގި ސިފައިންގެ ކުރީގެ ވެރިންނާއި، އިސްރާއީލުގެ ސިޔާސީ ހަރުކަށި ލީޑަރުން ގެންދަނީ "ގްލޯބަލް ސުމުދް ފްލޮޓިލާ" ގައި ހިމެނޭ ހުރިހާ ބޯޓަކަށް ހަމަލާދީ ފައްތާލަން ގޮވާލަމުންނެވެ.

އިސްތިއުމާރީ އިސްރާއީލުން "ގްލޯބަލް ސުމުދް ފްލޮޓިލާ" އަށް އެތައް ދޮގު ތުހުމަތުތަކެއްކޮށް، އެ ގާފިލާ އަންނަ މަގްސަދު އޮޅުވާލަން އެތައް ކަމެއް ކުރަމުން އެބަގެންދެއެވެ. އަދި ބުނަމުންގެންދަނީ އެއީ، ހަމާސްއިން ސްޕޮންސަރކޮށްގެން ފޮނުވާ "ހަމާސް ފްލޮޓިލާއެއް" ކަމަށެވެ.

އެހެންވެ، ގާފިލާގައި ހިމެނޭ ބޯޓުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވައިރު، ދަތުރު ގެންދަނީ ލައިވް ސްޓްރީމް ކުރަމުންނެވެ. ވަށައިގެން ކެމެރާތައް ހުރީ ޖައްސާފައެވެ. ދުނިޔޭ އޮތީ ވާނެގޮތެއް ބަލާށެވެ.

އެކަމަކު، ގާފިލާގެ ހިމާޔަތަށް އަމަލީގޮތުން މިހާތަނަށް ކަމެއް ކޮށްދީގެން އުޅެނީ، އިޓަލީ، ސްޕެއިން އަދި ތުރުކީންނެވެ.

ad