logo

ޑަބްލިއުއެޗްއޯގެ ރީޖަނަަލް ޑައިރެކްޓަރަކަށް ރާއްޖޭން ޑރ. ޖަމްޝީދުގެ ނަން ހުށަހަޅައިފި

މަރްޔަމް
10 ގަޑިއިރު ކުރިން
ކުރީގެ ހެލްތު މިނިސްޓަރު ޑރ.އަހުމަދު ޖަމްޝީދު މުހައްމަދު.

ކުރީގެ ހެލްތު މިނިސްޓަރު ޑރ.އަހުމަދު ޖަމްޝީދު މުހައްމަދު.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖޭގެ ފަރާތުން ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަން ހުަށަހަޅައިފި އެވެ.

އެ މަގާމަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހު ހަމަވިއިރު، ރާއްޖޭގެ އިތުރުން ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ކެންޑިޑޭޓުން ހުށަހަޅައިފަ އެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 10 ގައުމު ހިމެނޭ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރުކަމަށް ދެން ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ ބޫޓާންގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ހެލްތު މިނިސްޓަރު ސަންގޭ ނެޑުޕް އާއި ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ މިޝްރާސްރީ އާއި ސްރީ ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭ އެވެ.

ޑރ. ޖަމްޝީދަކީ ސިއްހީ ދާއިރާ އާއި ބައިނަލްއަގުވާމީ ސިއްހީ ޑިޕްލޮމެސީގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތް ކުރައްވާފައިވާ ތަޖުުރިބާކާރު ބޭފުޅެކެވެ.

އޭނާ މިހާރު ހުންނެވީ ބަންގްލަދޭޝްއަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމުގަ އެވެ. އެ މަގާމާ އޭނާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 2024 ގަ އެވެ.

ޑަބްލިއުއެޗްއޯގައި ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި ޑރ. ޖަމްޝީދު ވަނީ ނޯތު ކޮރެއާގައި ހުންނަވާ މަންދޫބުގެ މަގާމާއި ބަންގްލަދޭޝްގައި ހުންނަވާ މަންދޫބުގެ ނައިބުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. ޑަބްލިއުއެޗްއޯ ސީރޯގެ ރީޖަނަލް އެޑްވައިޒަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ޑަބްލިއުއެޗްއޯގެ މަގާމަކަށް ވަޑައިގެންނެވުމުގެ ކުރިން 2012 އިން 2013 އަށް ޑރ. ޖަމްޝީދު ވަނީ ރާއްޖޭގެ ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެ ކުރިން، ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ އާންމު ސިއްހަތުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.

ފުވައްމުލަކަށް އުފަން ޑރ. ޖަމްޝީދު ވަނީ އިންޑިއާގެ އިންދިރާ ގާނދީ ގަވަމަންޓް މެޑިކަލް ކޮލެޖުން އެމްބީބީއެސް ފުރިހަމަ ކުރައްވައި، ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން މާސްޓާ އޮފް ޕަބްލިކް ހެލްތު ހާސިލް ކުރައްވައިފަ އެވެ.

ad