ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގްރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނެފައިވަނީ މި ތަކެތި އަތުލައިގަނެފަ ވަނީ މި މަހުގެ 23 ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރިއިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އަތުލައިގަތް މި ތަކެތީގެ ޖުމްލަ ބަރުދަނުގައި ހުރީ 3600 ގްރާމްއެވެ.
ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރަން މަސައްކަތްކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަބަދުވެސް ދަނީ އަތުލައިގަންނަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި އަތުލައިގަނެވޭ މީހުންނާއި ތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދަނީ ހަވާލުކުރަމުންނެވެ.

