ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 2026 ނޮވެންބަރު 17 ވީ އަންގާރަ ދުވަހު އޮތް، މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކޮށް، އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ %30 އިން %25 އަށް ކުޑަކުރުމެވެ.
މި އިޞްލާޙުގައި ވާގޮތުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، ޓެކްސް އަހަރު 2027 އަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ.
ރައީސް ވަނީ ޤާނޫނު ނަންބަރު 2010/3، (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ވެސް ތަސްދީޤުކުރައްވައިފައެވެ.
މިއީ 2026 ނޮވެމްބަރު 17 ވީ އަންގާރަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާފައިވާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައްސަލަ އިސްތިއުނާފުކުރެވޭ ޙާލަތުގައި ޢަމަލުކުރަންޖެހޭ އުސޫލަށް ބަދަލުގެނެސްފަައިވެއެވެ. އެގޮތުން، އެފަދަ މައްސަލަތައް އިސްތިޢުނާފްކުރެވޭނީ އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 އިންސައްތަ އާ އެއްވަރުގެ ޢަދަދެއް މީރާއަށް ދައްކައި ޚަލާޞްކުރުމަށްފަހުގައި ކަމަށް ކަނޑައަޅާފައިވެއެވެ. އަދި، މިއަަދަދު އެއްކޮށް ދައްކާ ޚަލާޞްކުރަންޖެހޭ ޙާލަތްތައްވެސް މިއިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، އެފަދަ ޙާލަތެއްގައި، ޓެކްސް ދައްކާ ފަރާތުން ޓްރައިބިއުނަލުގައި އިސްތިއުނާފުކުރާ ޢަދަދާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް އޮތްނަމަ އެއާއިމެދު ޢަމަލުކުރަންޖެހޭ ގޮތްވެސް ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައިޝާއިޢުކުރެއްވުމާއެކު، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް ގެނެވުނު 5 ވަނަ އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.


