އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނަކަށް ބިމެއް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ހިމަނައިފިއެވެ.
ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު، އަހުމަދު އައިފާނެވެ.
މި ބިލުގައި ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ހަރުދަނާކޮށް، ހާމަކަން ބޮޑު ގޮތެއްގައި އެ ވިޔަފާރި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ޑިވެލޮޕަރުން ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގުމުގައި އެ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމާއި ރިއަލް އެސްޓޭޓް މަޝްރޫއުތަކުން ތަރައްގީ ކުރެވޭ ތަންތަން ގަންނަ ފަރާތްތަކުގެ މަސްލަހަތުތައް ރައްކާތެރި ކުރުމުގެ އުސޫލުތަކާއި އެ ނޫން ވެސް ރިއަލް އެސްޓޭޓް ވިޔަފާރީއާއާ ގުޅޭ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައިވެއެވެ.
އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައެޅޭނީ މަދުވެގެން އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ، ފާސްކުރެވޭ މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީކުރާ މަޝްރޫއުތަކަށް ކަމަށް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ. އަދި އެ ޒޯންގެ ތެރޭގައި ހިންގާ އެންމެހާ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަށް ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ކަމުގައި ބެލޭނެ ކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގައި އަމަލުކުރާނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ޓެކްސް ނަގާ ރޭޓުގައި ކަމަށް ވެސް އެ ބިލުގައި ބަޔާން ކޮށްފައިވެއެވެ
ޒޯނެއްގެ ގޮތުގައި ރަށެއް، ފަޅެއް ނުވަތަ ބިމާއި ފަޅު އެކުލެވޭ ވަކި ސަރަހައްދެއް ކަނޑައެޅިދާނެ ކަމަށް ބަޔާން ކޮށްފައިވާއިރު އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ބިލުގައި ފާހަގަ ކޮށްފައިވެއެވެ.
ބިލުގައިވާ ގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 99 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ޒޯނުގައި ތަރައްގީކުރާ ވަކިވަކި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ރައިޓްސް ވެސް ގިނަވެގެން 99 އަހަރަށް "ސަރެންޑާ އެންޑް ރީ-ގްރަންޓް" މޮޑެލްގެ ދަށުން ވިއްކިދާނެ ކަމަށް ބިލުގައިވެއެވެ.
މީގެ އިތުރުން، މާސްޓާ ޑިވެލޮޕަރަކަށް ޒޯން ކުއްޔަށް ދޫކުރެވޭނީ އާންމުކޮށް ބީލަމަށް ހުޅުވާލައިގެން، ނުވަތަ ސަރުކާރުގެ އިގްތިސާދީ ސިޔާސަތާ އެއްގޮތަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން، ނުވަތަ ދައުލަތުގެ ހިއްސާ ހިމެނޭ ކުންފުންޏަކަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ގޮތެއްގެ މަތިން ކަމަށް މި ބިލްގައި ބަޔާން ކޮށްފައިވެއެވެ.
މާސްޓާ ޑިވެލޮޕަރުން ޒޯނުން ލިބޭ ސާފު އާމްދަނީގެ މަދުވެގެން %10 ބިމުގެ ޕްރިމިއަމްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް އޮތްއިރު ޝަރުތުތަކާއެކު ލީސްހޯލްޑް އާ ކުރެވިދާނެކަމާއި، ލީސް ނިމިއްޖެނަމަ، ނުވިކި ހުރި އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރުގެ ޑިޕްރިސިއޭޓެޑް އަގު ދެ އަހަރުގެ ތެރޭގައި ދައުލަތުން ދައްކާ ގޮތަށް މި ބިލުގައިވެއެވެ.
މިގޮތުން ވިއްކާ ބިންތަކާއި ޔުނިޓްތައް ވިއްކާނީ 50 އަހަރާއި 99 އަހަރާ ދެމެދުގެ ލީސްހޯލްޑްގެ ގޮތުގައި ސީދާ އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެންނެވެ. މާސްޓާ ޑިވެލޮޕަރުގެ ލީސް ނިމުގައި ވީ ނަމަވެސް ގަންނަ ފަރާތްތަކުގެ ހައްގުތައް ދެމިއޮންނާނެއެވެ. މީގެ އިތުރުން ޕްރޮޕަޓީއެއް ވިއްކާއިރު އޭގެ އަގުގެ ހަތަރު އިންސައްތަ ރަޖިސްޓްރީ ފީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ

.jpg&w=3840&q=75)