logo

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިޔަނަށް

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރާފައިވާ އިރު އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެގޮތުން، އަސާސީ މުދަލާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ހަރަދަށްވުރެ އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިފަދަ ތަކެއްޗާއި ހިދުމަތްތަކުގެ އަގުތައް ހުންނަނީ ކޮންޓްރޯލްކޮށްފައެވެ. މީގެ ތެރޭގައި ކާޑާއި، ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، އަދި ކުނި މެނޭޖުކުރުން ހިމެނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ތަކެއްޗާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ހަރަދާއި ކޮންޓްރޯލް އަގުގެ ފަރަގަށްވާ ފައިސާ ދައުލަތުގެ ބަޖެޓުން ހަރަދުކުރެއެވެ.

މިގޮތުން ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ 2026 ވަނަ އަހަރު 3.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރު ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 86 އިންސައްތައިގެ އިތުރުވުމެއްކަމަށް މާލީ އިދާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓްއާ ގުޅިގެން މައުލޫމާތު ދީފައިވަނީ، ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ހަރަދު ބޮޑުތަނުން އިތުރުވުމެވެ. އެގޮތުން، ތެލުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު ހޭދަކުރި 702.1 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މި އަހަރު ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރި ދާއިރާއެވެ. ތެލުގެ ސަބްސިޑީއަށް ކުރާ ހަރަދު އިތުރުވެފައި ވަނީ މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ބޮޑުތަނުން އިތުރުވުމުންނެވެ.

ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ވެސް ވަނީ 341.3 މިލިއަން ރުފިޔާއިން 626.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ސަބްސިޑީއަށް ކުރި ހޭދަ 33.9 މިލިއަން ރުފިޔާއިން 90.6 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.

ދަތުރުފަތުރުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު 128.5 މިލިއަން ރުފިޔާ ހޭދަކުރިއިރު، 2026 ވަނަ އަހަރު އެ އަދަދު ވަނީ 201.6 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދަ 199.4 މިލިއަން ރުފިޔާއިން 243.9 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.

މިދާއިރާތަކުން ހޭދަ އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ހަރަދު ވަނީ 207.4 މިލިއަން ރުފިޔާއިން 83.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

މި އަހަރު ސަބްސިޑީއަށް ކުރި މުޅި ހޭދައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާއެވެ.

ad