logo

ކޯޓުތަކަށް އައްޔަންކުރި ފަނޑިޔާރުންނާއެކު، މައްސަލަތައް ނިންމުމުގެ ދުވެލި އަވަސްވެގެންދާނެ : ހުސްނީ މުބާރިކް

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު، އެ ދެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމުމުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ރައީސް މިހެން ވިދާޅުވީ، ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސްނީ މުބާރިކް ވިދާޅުވީ ކޯޓުތަކަށް ފަނޑިޔާރުން އިތުރުކުރަން ޖޭއެސްސީން ނިންމީ، މައްސަލަތައް ގިނަވެ ފަނޑިޔާރުންގެ މަސައްކަތުގެ ބުރަދަން ބޮޑުވުމުގެ ސަބަބުން މައްސަލަތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބައްލަވާލައްވަމުން ހުސްނީ ވިދާޅުވީ، ސިވިލް ކޯޓަށް 1,913 އައު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މިއީ އެ ކޯޓުގައި ތިއްބެވި 17 ފަނޑިޔާރުންގެ ނިސްބަތުން ބަލާނަމަ، ކޮންމެ ފަނޑިޔާރަކަށް މަހަކު އެވްރެޖުކޮށް 18 މައްސަލައެވެ. މިވަގުތު 3,218 މައްސަލަ ނުނިމި އޮތްއިރު، ފަނޑިޔާރުންގެ އަދަދު 19 އަށް އިތުރުކުރުމުން މައްސަލަތައް ލަސްވުމުގެ ޝަކުވާތަކަށް ހައްލެއް ލިބޭނެ ކަމަށް އޭނާ އުއްމީދު ކުރައްވައެވެ.

އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށްވެސް 1098 މައްސަލަ ހުށަހަޅާފައިވާއިރު، މިއީ މިހާރު އެ ކޯޓުގައި ތިއްބެވި 13 ޤާޟީންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު އެވްރެޖުކޮށް 15 މައްސަލަކަން ހުސްނީ މުބާރިކް ފާހަގަކުރެއްވިއެވެ. އަދި މިހާރު އެ ކޯޓުގައި 1،626 މައްސަލަ ނުނިމި އެބައޮތް ކަމަށާއި އަލަށް އައްޔަން ކުރި ފަނޑިޔާރުންނާއެކު އެ ކޯޓުގެ މައްސަލަތަކަށްވެސް އަވަސް ހައްލެއް ލިބޭނެކަމަށެވެ.

ޝަރުޢީ ދާއިރާއަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމަކީ ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުން ކަމަށް ހުސްނީ ވިދާޅުވިއެވެ.

ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކް ވިދާޅުވީ، ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި އިންސާފު ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ޝަރުޢީ ދާއިރާގެ އަގު ވެއްޓޭނެ ކަމަށެވެ. އެހެންކަމުން މިއަހަރު ނިމެންވާއިރު ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ad