logo

ރަސްމާލޭ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
4 ގަޑިއިރު ކުރިން

ރަސްމާލޭ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވުޒާރާއިން ކުރެއްވި އިޢުލާނުގައި ރަސްމާލެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ވަނީ ހުޅުވާލާފައެވެ. މިމަސައްކަތަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، ބީލަން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ކުރިން ހުށަހެޅުމަށް ބިނާރާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ. އެވުޒާރާއިން ވިދާޅުވީ ބީލަމުގެ ކުރިން މައުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް މިބީލަމުގައި ނޯންނާނެކަމަށެވެ.

ރަސްމާލެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ދޭން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުން އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 02 ވަނަ ދުވަހު 09:00 ގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވުޒާރާގައެވެ.

ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު ތަޞައްވުރެވެ.

ރަސްމާލެ ތަރައްޤީކުރުމަށް 1000 ހައި ހެކްޓަރުގެ ބިން ހިއްކައެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުން މިހާރު ބާރަށް ކުރިއަށްދާއިރު، ރަސްމާލެވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށެވެ.

ރަސްމާލޭގެ ދުރުރާސްތާ ތަޞައްވުރަކީ 20 އަހަރުތެރޭގައި 200،000 (ހައުސިން ޔުނިޓް) ބޯހިޔާހިކަމުގެ ފުރުޞަތު އެ ބިމުން ތަނަވަސްކޮށްދިނުމެވެ. ރަސްމާލެއަކީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ވަރަށް ބޮޑަށް ރިއާޔަތްކުރެވި ހިންގަން ނިންމާފައިވާ ތިމާވެއްޓާ ރައްޓެހި މަޝްރޫޢެކެވެ.

ރަސްމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށްވެސް ނިންމާފައިވަނީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެނެވެ. އަދި ތިމާވެށީގެ މައްސަލަތަކުގެ ހިރާސްތައް ކުޑަވާނެހެން، ވަސީލަތްތައް ޤާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ރަސްމާލޭގެ ބިމުގެ ތެރެއިން 500 ހެކްޓަރު ތަރައްޤީކުރާނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައެވެ. މިމަސައްކަތް ކުރަން އެކުވެރި އަރަބި އިމާރާތުގެ އަބޫ ދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމަކަށް އައުމަށް ކޮމާޝަލް ޓާމް ޝީޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި މިވަގުތު އެއްބަސްވުމާއި ގުޅޭ މަޝްވަރާތައް ދަނީ ކުރަމުންނެވެ. މިމަޝްރޫޢަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގެނައުމަށް ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ad