ށ. ޅައިމަގަށް ނަގޫ ރޯޅިއެއް އަރައި އެރަށުގެ ބައެއް ގެތަކަށާއި ގުދަންތަކަށް ގެއްލުންވެފައިވާއިރު ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ދިޔަ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
އެންޑީއެމްއޭ އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ، ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ހަތަރު ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބުނެފައެވެ.
މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް ފަރުވާދީފައިވާ ކަމަށާއި، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން މިއަދުގެ އިރު އޮއްސި 18:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ. އެހެން ކަމުން މޫސުަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

