ރާއްޖެއަކީ ޒިންމާދާރު އިންވެސްޓުމެންޓުތަކަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށާއި ރާއްޖޭގައި ކުރާ އިންވެސްޓުމެންޓުތައް ކާމިޔާބު ކުރުމަށް އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ، ރާއްޖެ މިހާރު ތަޖުރިބާކުރަމުން އަންނަނީ، ގައުމީ ތަރައްގީގެ ގޮތުން މުހިންމު ދުވަސްވަރެއް ކަމަށް ސިފަކުރައްވައިފަ އެވެ. އެގޮތުން އަމާޒަކީ 2040 އަންނަންވާއިރަށް، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ގައުމުގެ އިގުތިސާދު ސިންދަފާތުކޮށް، އީޖާދީ މަސައްކަތްތައް ހަލުވިކޮށް، އިންވެސްޓަރުންނާ އިތުރަށް ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރިތައް ހަމައެކަނި ބައިނަލްއަގުވާމީ މާކެޓުގައި ބައިވެރިވުމެއް ނޫން. ބޭނުންވަނީ އެ މާކެޓުގައި ވާދަކޮށް ކާމިޔާބު ބަޔަކަށްވާން. މި ކަމުގައި ޗައިނާއަށް މުހިންމު ބައިވެރިއަކަށް ވެވިދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި ވިޔަފާރި ކުރާ މުދަލުގެ އަގުގެ ބަދަލުގައި ދެ ގައުމުގެ ދެމެދު އޮންނަ އިގްތިސޯދީ ގުޅުން މިހާރަށް ވުރެ ވެސް ފުޅާ ކުރެވިދާނެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗައިނާގެ ވިޔަފާރިވެރިންގެ ސަޕްލައިޗެއިންތައް ފުޅާކޮށް، ދިވެހި އުފެއްދުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކުރެވިދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ ޗައިނާގެ އަލިޕޭ އާއި ވީޗެޓް ރާއްޖޭގައި ތައާރަފުކުރި ފަހުން މިދިޔަ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރާ ހަމައަށް 73،000 މުއާމަލާތްކޮށްފައިވާ ކަމަށާއި އޭގެ އަގަކީ 11 މިލިއަން ޑޮލަރު ކަމަށެވެ.
"މިއީ ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭ އަދި ދިވެހި ވިޔަފާރިވެރިންނަށް އޭގެ ސަބަބުން ފައިދާ ކުރާ އިންތިޒާމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޗައިނާގެ ތަޖުރިބާގެ ސަބަބުން އެ ޤައުމަކީ ރާއްޖޭގެ ތަސައްވުރު ހާސިލްކުރުމަށް މުހިންމު ރޯލެއް އަދާކުރެވިދާނެ ބައިވެރިއެއް ކަމަށެވެ. އެގޮތުން، އެ ޤައުމުގެ އެހީތެރިކަމާއެކު މިހާތަނަށް ހިންގާފައިވާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ރައްޔިތުންނަށް ގިނަ ފައިިދާތަކެެއް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ އިތުބާރާ އެކު ރާއްޖޭގައި އިންވެސްޓުކުރެވޭނެ ފުރުސަތުތައް ބަލައި އިންވެސްޓުކޮށް ދިވެހި ވިޔަފާރިވެރިންނާ އެކު ވިޔަފާރީގެ ފުރުސަތުތައް ދެނެގަނެ އޭގެ ބޭނުން ހިފުމަށް ފޯރަމްގެ ބައިވެރިންނަށް ގޮވާލައްވައިފަ އެވެ.

