ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ސަބަބުން މުޅި މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
އެގޮތުން، މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ނިންމައި، އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންގެންދާކަން ރައީސް ހާމަކުރެއްވިއެވެ. މި މަސައްކަތާ ގުޅިގެން ރައީސް ވިދާޅުވީ، އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ޕާކިންގ ސަރަޙައްދެއް ކަނޑައަޅުއްވާފައިވާނޭކަމަށެވެ.
އެގޮތަށް އެ މަގު ހަދައި ނިމުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި އެ މަގު ބޭނުންކުރާ ފަރާތްތަކަށް ނޫންކަމަށާއި، އެތެރޭގެ މަގުތަކަށްވެސް ލުއިވެގެންދާނޭކަން، މިހާރު ނިންމައި ބޭނުންކުރާ ސަރަޙައްދުގެ ޓްރެފިކް ފްލޯ އިން ސާބިތުކޮށްދޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ފިޔަވަހި ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގައި އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެއްޓޭނޭކަމަށް ކަމަށެވެ. މިއީ، އެ މަގުގައި އެންމެ ބޮޑަށް ގާތަށް މުގުރި ހަލާކުވެފައި އޮތް ސަރަޙައްދުކަމަށާއި، މި ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭ ފަޅުން ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ތަކުލީފެއް ނުލިބޭނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، މަގުން ބޭރަށް ނެރޭ ބައި ތަރައްޤީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމުގައި ވުމުން، އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ ވާނީ އިތުރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ މަޝްރޫޢުތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނުކަމުގައިވިޔަސް، މާލޭ ސަރަޙައްދު ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ މިކަމުގެ މުލުގައިވާ ޙަޤީޤީ މައްސަލައަށް ޙައްލު ހޯދިގެންކަމުގައި އެމަނިކުގާނު ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުން މަސައްކަތްކުރަނީ ޚިދުމަތްތަކާއި، ފުރުޞަތުތަކާއި، ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނައުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ދުރު ރާސްތާ ޙައްލާއެކު، އޭގެ ޒާތުގައި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުވެގެންދާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މަގުހެދުމުގެ މަޝްރޫޢާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މާލޭ ސަތަޙައްދަށް އަމާޒުކޮށްގެން މިހާރުވެސް ކުރިއަށްގެންދަވަނީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ ދިރިއުޅޭ މި ސަރަޙައްދަށް، މި ހިނދުން މި ހިނދަށް ބޭނުންވާ ޙައްލުތައް ފޯރުކޮށްދެއްވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

