ހުޅުމާލެ ފޭސް 1 ގައި ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހުޅުމާލެ ފޭސް 1 ގެ އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން ވޮލެޓް ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ 11:25 އެހައިކަންހާއިރުއެވެ.
މި މައްސަލަ ހުށަހެޅުމާއެކު، ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި އިންވެސްޓިގޭޝަން ގުޅިގެން ވަނީ ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ސީސީޓީވީ ފުޓޭޖްތައް ބަލައި ފުލުހުން ކުރި މަސައްކަތުން، އެ މީހުން ދުއްވި ސައިކަލު އެ ރޭ 12:30 އެހައިކަންހާއިރު ވަނީ ހޯދާފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަތަމާގެ، ޢިޖާޒު ނަޞީރު (40އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި ހާދިސާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެވަނަ މީހާ، ތަހުގީގުގެ ތެރެއިން ހޯދައި ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް، އޭނާ މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.
ފުލުހުން ބުނީ، ބިދޭސީ މީހާގެ އަތުން ފޭރުނު 10,000 ރުފިޔާއާއި ވޮލެޓް މިހާރު ވަނީ ހޯދާފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

