މެރިން އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމުގެ ދާއިރާއިން ދިވެހި ޒުވާނުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށްޓަކައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ''ހުނަވަރު'' ޕްރޮގްރާމްގެ ދަށުން އެޕްރެންޓިސްޝިޕް ފުރުސަތުތަކެއް އިޢުލާނުކޮށްފިއެވެ.
ހުނަރުވަރު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މެރިން އިންޖީނު މަރާމާތުކުރުމާއި، ބެލެހެއްޓުމުގެ ދާއިރާއިން ޒުވާނުންނަށް ފަންނީ އިލްމާއި އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގެ އާފްޓަރސޭލްސް ވޯކްޝޮޕްގައި މަސައްކަތް ކުރުމުގެ ފުރުސަތު 10 ޒުވާނަކަށް ލިބިގެންދާނެއެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ އިންޖިނިއަރިންގ ދާއިރާގެ ޢަމަލީ މަސައްކަތްތަކުގެ ތެރެއިން ދާއިރާގެ ހުނަރުތައް ދަސްކޮށްދޭ ގޮތަށެވެ. އެގޮތުން، ޕްރޮގްރާމްގެ ހުރިހާ ބައިވެރިންވެސް އެމްޓީސީސީން ހިންގާ ސީ 3 މެރިން މެކޭނިކް ކޯސް ފުރިހަމަކުރަން ޖެހޭނެއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކަކީ އޯލެވެލް ފެންވަރަށް ތައުލީމު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށް އެމްޓީސީސީން ބުންޏެވެ. ޕްރޮގްރާމްގެ ބައިވެރިންނަށް އެޕްރެންޓިސްޝިޕްގެ މުއްދަތުގައި 8،000 ރުފިޔާގެ އެލަވަންސެއް ލިބޭނެކަމަށާއި، ޕްރޮގްރާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަސްކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ އަމާޒަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި އިންޖިނިއަރިން ދާއިރާގައި ފަންނީ ދިވެހިންގެ ދައުރު އިތުރުކުރުމެވެ. މި ''ހުނަވަރު'' ޕްރޮގްރާމަކީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުން ބިނާކޮށް، ހުނަރުވެރި މަސައްކަތްތެރިން އުފައްދާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުމަށް އެ ކުންފުނިން ކުރާ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ރާއްޖޭގެ މެރިން ދާއިރާ އިތުރަށް ތަރައްގީވެ، ވަރުގަދަވެގެންދާނެ ކަމަށް އެމްޓީސީސީން ދެކެއެވެ.

