ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފިއެވެ.
ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވަނީ މި ގަސްތައް ހަވާލުކޮށްދެއްވާފައެވެ. ރާއްޖޭގެ ފަރާތުން މި ހަދިޔާއާ ހަވާލުވެލެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފްއެވެ. ގަސްތަކާއި ހަވާލުވެވަޑައިގަތުމަށްފަހު ތިން ވަޒީރުން ވަނީ ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދަވައިދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ، މި އެހީއަކީ ބަންގްލަދޭޝްގެ ތިމާވެއްޓާ ބެހޭ ވަޒީރާއެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކެއްގެ ނަތީޖާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ހަދިޔާއެއް ލިބުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުވާލުވާލައްވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ބަންގްލަދޭޝްއިން މިއަދު ހަދިޔާކުރި ގަސްތަކަކީ އަންނާން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ އަގުހުރި ހަދިޔާއެއް ކަމަށެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވިދާޅުވީ، ދެ ގައުމަކީވެސް ތިމާވެށީގެ ނާޒުކު އަސަރުތައް ކުރާ ގައުމުތަކަކަށް ވުމުން، މި އެހީއަކީ ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެކުވެރި ގައުމުތަކަށް ގަސް ހަދިޔާކުރުމަކީ ބަންގްލަދޭޝްގެ ސަގާފީ އާދައެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
5 މިލިއަން ގަސް އިންދުމުގެ މި ބިޔަ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމަށްޓަކައި ރައީސް މުޢިއްޒު ފަށްޓަވާފައިވާ ވަރަށް މުހިންމު ޤައުމީ މަސައްކަތެކެވެ. ބަނގުލަދޭޝްއިން ފޯރުކޮށްދޭ މި އެހީތެރިކަމަކީ މި މަޝްރޫޢުގެ ލަނޑުދަނޑި ހާސިލުކުރުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

