42ފުޅި ބަނގުރަލާއި އެކު 23 އަހަރުގެ ފިރިހެނަކު ކ.މާފުށިން ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ހދ.ކުޅުދުއްފުށި/ ސަމޭދާން ނަބީހް އަބްދުއްރަޝީދު 23އ އެވެ. އޭނާ ހައްޔަރު ކޮއްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސާއި މާފުށީ ޕޮލިހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިދިޔަ ހުކުރު ދުވަހުއެވެ. ކޯޓް އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭތަން ބަލާ ފާސް ކުރި އިރު 42ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމައްސަލަ އާއި ގުޅިގެން ނަބީހުގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓައް ހާޒިރު ކުރުމުން ، 8ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުން އަންނަނީ ތަހުޤީޤް ކުަރަމުން ނެވެ.
މި ފަހަކަށް އައިސް ބަނގުރަލާއި މަސްތުވާ ތަކެތި އަތުލައިގަންނަ އަދަދު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވަކިން ޚާއްޞަކޮށް މާލެއާއި މާލެ ކައިރި ސަރަހައްދުތަކުން އަތުލައިގަނެވޭ މިފަދަ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ދާދި ފަހުން ނާކޮޓިސް ކައުންޓަރ އިންޓަލިޖެންސާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ 826 ފުޅި ބަނގުރާ އަތުލައިގެންފައެވެ. މި ފުޅިތައް ހުރީ ސްޓޯރޫމެއްގައި އެކިތަންތަނުގައި ހާމައަށް އަތުރާފައެވެ. އަދ ފޮށިތަކެއްގައި ބަންދުކޮއްފައި ހުރި ބަނގުރަލުގެ އެކި ބަރޭންޑްތަކުގެ ނަންތައް ފޮށިތަކުގައި ޖަހާފައި ހުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.

