logo

ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި

ދިޔާމާ އިބްރާހިމް
16 ގަޑިއިރު ކުރިން

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރު ކުރަން އުޅުނު 9 ލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ ކަސްޓަމުން އަތުލައިގެންފިއެވެ.

މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުން ކަމަށާއި، އެމީހާގެ އަތުން ނުވަ ލައްކަ ފަސްހާސް ހަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ ލާރިއަށް ވާ ވަރަށް ބޭރު ފައިސާ ފެނިވާ ކަމަށް ކަސްޓަމުން ބުނެއެވެ.

ޑިކްލެއަރ ނުކޮށް ބޭރު ކުރަން އުޅުނު މި ފައިސާތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ކަމަށް ވެސް ކަސްޓަމުން ބުނެފަވާއިރު އެއީ ކޮން ގައުމުތަކެއްގެ ފައިސާއެއް ކަމެއް ކަސްޓަމުން ހާމަކޮށްފައެއް ނުވެއެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތައް ފުޅާ ކުރެވިފައިވާ އިރު، ރާއްޖެއިން ބޭރަށް ފުރާ ބައެއް ބިދޭސީންގެ އަތުން ބޭރު ފައިސާ ފެންނަ މިންވަރު ދަނީ އިތުރުވަމުން ކަން ފާހަގަކުރެވެއެވެ.

އެގޮތުން، މިދިޔަ މަހުގެ 18 ވަނަ ދުވަހު ސީރިއަލް ޕެކެޓު ތެރޭ ފޮރުވައިގެން ރާއްޖޭން ބޭރު ކުރަން އުޅުނު 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ވަނީ އަތުލައިގެންފައެވެ. އެ ފައިސާ އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިބި ބަންގްލަދޭޝްގެ ހަ މީހެއްގެ އަތުންނެވެ.

ad