ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެ، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ވަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހިތްވަރުގަދަ ޖިހާދެއް ކުރައްވައި، މަލާބާރީންގެ ވަކިތަކުން ދިވެހި ޤައުމު ސަލާމަތްކުރެއްވި ޤައުމީ ބަޠަލު ދޮންބަންޑާރައިން ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ހަނދާން އައުކުރައްވައި، އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުރަވީ ދުވަހުގެ ތާރީޚީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނައިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތާއި ރާއްޖޭގެ މިނިވަންކަން ދިފާޢުކުރަން ޖެހިފައިވާ ގޮތްތަކާމެދު ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށެވެ. އަދި ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުތަކުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލުގެ މޫނު އުޖާލާކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ، ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔަންޖެހޭ ކަމަށްވެސް ރައީސް ޑރ. މުޢިއްޒުގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ޤައުމަށް މި މަގުގައި ހެޔޮ ވިސްނުމާއި ތައުފީޤު ދެއްވައި، ކުރިއެރުމާއި ކާމިޔާބީގެ އިތުރުން މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.


