ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ސްޓެލްކޯގެ ކުންފުނީގެ އެޗް.އާރް ޑިޕާޓްމަންޓަށް ގުޅިކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން ީ ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކުރެވިފަވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ޤައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާ ކަމަށާއި، މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަދި މައިގަނޑު ފޯކަސްއަކީ ވެސް، 24 ގަޑިއިރު މެދުކެނޑުމެއްނެތި، އިތުބާރާއި ޔަޤީންކަމާއެކު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ކަމަށެވެ.
އެހެންކަމުން އެ ކުންފުނީގެ އަގުހުރި ވަގުތާއި ވަސީލަތްތައް އަބަދުވެސް ހޭދަކުރެވެމުންދާނީ އެ ދެންނެވި ޤައުމީ އަދި އިޖުތިމާޢީ ވާޖިބުތައް އަދާކުރުމުގައި ކަމަށެވެ.
ވީމާ، މީޑިއާގައި ދެކެވުނު ފޯނު ކޯލާ ގުޅިގެން މިކަން ހިނގާފައިވާ ގޮތް ތަޙުޤީޤުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކުރެވިފަ ކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ޤަވާޢިދުގެ ދަށުން އަޅަންޖެހޭ އިސްލާޙީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ވާހަކަ ދަންނަވާ ކަމަށެވެ.
ކުންފުނީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތެއް އަބަދުމެ ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށެވެ.
މުވައްޒަފަކު މަގާމުން ސަސްޕެންޑްކޮށް މައްސަލަ ތަހުގީގުކުރަމުންދާކަމަށް ސްޓެލްކޯއިން މިގޮތަށް ބުނެފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން، ވެރިކަންކުރާ ޕީއެންސީއަށް ވަންނަން މަޖުބޫރުކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަމާއި ގުޅިގެން ރާއްޖެ ޓީވީން ވަނީ ލައިވް ޝޯއެއްގެ ތެރެއިން ސްޓެލްކޯގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ގުޅާފަ އެވެ.
ރާއްޖެ ޓީވީގެ ޕްރެޒެންޓަރު އާމިރު އެ ކުއްޖާ ކައިރީގައި އަހަނީ ޕާޓީއަށް ވަނުމަށްފަހު ސްކްރީންޝޮޓް ފޮނުވަންވީ ކޮންތާކަށތޯ މި ސުވާލު އެވެ. އެ ކޯލަށް ސްޓްލެކޯއިން އަންހެން ކުއްޖަކު ޖަވާބު ދޭ އަޑު ދީފަވެއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން ބުނީ އެޗް.އާރް ޑިޕާޓްމަންޓަށް ގުޅިކަމަށް ބުނެ ދެކެވުނު ވާހަކަތަކާއި ގުޅިގެން އެކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ޤަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

.jpg&w=256&q=75)
