ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް، ޑިޕްލޮމެޓް ޖަމީލާ ޢަލީ ޚާލިދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ ދަށުން ރާއްޖޭން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވަން ޖެހެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައެވެ.
ޖަމީލާ މި މަޤާމަށް އައްޔަންކުރަން ފެންނަކަމަށް ވޯޓު ދެއްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ
އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. ނަމަވެސް ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން އެމަޤާމު އޮތީ ހުސްކޮށެވެ.
ޖަމީލާ އަކީ ޚާރިޖީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި ދައުލަތުގެ އެކި މުއައްސަސާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން އޭނާ ވަނީ ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އޭނާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ނާއިބުރައީސްކަންވެސް ކުރައްވާފައެވެ.

.jpg&w=256&q=75)
