logo

އުފެއްދުން ތެރިކަމުގެ މައުރަޒްގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދެނީ

މަރްޔަމް
14 ގަޑިއިރު ކުރިން

ދިވެހިންގެ އުފެއްދުން ތެރިކަމުގެ މައުރަޒްގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ރާއްޖޭގެ އުފެއްދުން ތެރިންނަށް މާކެޓް ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަަޢީދު ވިދާޅުވެއްޖެއެވެ.

މައުރަޒަށް ވަމުންދާ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މިފަހަރުގެ މައުރަޒްގައި "ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް" އެއް ޚާއްސަ ކޮށްފައިވާ ކަމަށެވެ. އެ ގޮތުން މި ޑިސްޓްރިކްޓް ގައި ރާއްޖޭގެ 22 ރަށަކުން ބައިވެރިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ރަށްރަށުގެ އަމިއްލަވަންތަކަން ދައްކުވައިދީ، އެ ރަށްތަކުގެ އުފެއްދުންތެރިކަން އިޝްތިހާރު ކޮށްދިނުމަށް މަގު ފަހިކޮއް ދިނުން ކަމަށާއި،.މި މައުރަޒު މެދުވެރިކޮށް ކޮންމެ ރަށެއްގެވެސް ޚާއްޞަ ސިފަތަކާއި އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ރަނގަޅު ފުރުޞަތު ތަކެއް ހޯދުމަށް މަސައްކަތް ކުރުން ކަމަށާއި، ގެސްޓް ހައުސް ވިޔަފާރި މިހާރު ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ގިނަ އުފެއްދުންތަކެއް މިހާރުވެސް ރިސޯޓްތަކަށް ސަޕްލައި ކުރަމުން ދާއިރު ގެސްޓް ހައުސް ތަކުގެ އިތުރުން ބައިނަލް އަޤްވާމީ މާކެޓަށްވެސް މި އުފެއްދުންތައް ނެރެވޭނެ މަގު ތަނަވަސް ކޮށް ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ތަކެއް ކުރައްވަމުންނެވެ. އެގޮޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓަރމިނަލް ގައި ހުންނަ "އޮތެންޓިކް މޯލްޑިވްސް"ގެ ޖާގަ 100 އަކަމީޓަރަށް ބޮޑު ކޮށް ފައިވާ އިރު ޓާމިނަލްގެ ޕާސްޕޯޓް ކޮންޓްރޯލަށް ފަހު ފެންނަން ހުންނަ އެންމެ މުހިއްމު އެއް ސަރަހައްދު ދިވެހި އުފެއްދުންތަކަށް ހާއްޞަ ކުރެވިފައިވާ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ ގެ ވައުދުފުޅެއް ކަމަށް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް އަހަރަކު ޒިޔާރަތް ކުރާ ގާތްގަނޑަކަށް 2 މިލިއަންއަށް ވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން ދިވެހި އުފެއްދުން ތެރިންނަށް ސީދާ މާލީ މަންފާ ހޯދައި ދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށާއި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާއި އެކުއިޤްތިޞާދު ކުރިއަރުވައި ފަތުރުވެރިކަމުގައި މުހިއްމު ދައުރެއް އަދާ ކުރާނެ ގޮތުގެ ސިޔާސަތު ތައް ބައްޓަން ކުރުމަށް ޓަކައި ކެބިނެޓް ފެންވަރުގައި "ވިޒިޓަރ އިކޮނޮމީ ކައުންސިލް" އެއް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ކަމަށް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މިފަހަރުގެ މައުރަޒުގައި ބޭރުގެ ބައެއް ޤައުމުތައް ކަމަށްވާ ޗައިނާ، އިންޑިޔާ އަދި ޔޫ އޭއީގެ ފަރާތްތަކަށްވެސް ޖާގަ ދީފައިވާތީ މިއީ ދިވެހި އުފެއްދުންތރިންނަށް އިތުރު ތަޖްރިބާ އާއި އައު ފުރުސަތު ތައް ފަހިވެގެން ދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ad