ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ 11 ވަނަ ވޮލީބޯޅަ މުބާރާތް 2025ގެ ފައިނަލް މެޗު އަދި އިނާމްދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
އެމްއެންޔޫއެސްޔޫގެ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުތައް އިއްޔެ ކުޅެފައިވާއިރު، ވަޒީރު ރާފިޢު ވަނީ ފިރިހެން ބައިގެ ފައިނަލް މެޗު ބައްލަވާލައްވައި، ޗެމްޕިއަން ޓީމްތަކަށް އިނާމް ހަވާލްކޮށްދެއްވާފައެވެ.
އެ ރަސްމިއްޔާތުގެ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ވޮލީގެ ކުރިއެރުމަށް ވަރަށް މުހިންމު މުބާރާތެއްކަމަށާއި، މި މުބާރާތުގައި މީގެ ކުރިން ކުޅެފައިވާ ކުޅުންތެރިން ރާއްޖޭގެ މަތީ ފަންތީގައި އަދި ޤައުމީ ޓީމްގައިވެސް ކުޅެމުން އަންނަކަމަށެވެ. މިއީ މި ކުޅިވަރަށް އެމްއެންޔޫއެސްޔޫއިން ކޮށްދޭ މުހިންމު ޚިދުމަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ރާފިޢު ވިދާޅުވީ މި މުބާރާތުގެ ސަބަބުން ދަރިވަރުންގެ ދުޅަހެޔޮކަން އިތުރުވެ، އެންމެންގެ މެދުގައި ގުޅުން ބަދަހިވެގެންދާކަމަށެވެ.
މުބާރާތުގެ އަންހެން ބައިގެ ފައިނަލްގައި ވާދަކުރީ ސްކޫލް އޮފް ނާސިން (އެސްއެން) އާއި އެމްއެންޔޫ ބިޒްނަސް ސްކޫލްއެވެ. މި މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ސްކޫލް އޮފް ނާސިންއެވެ. ފިރިހެން ބައިގެ ފައިނަލްގައި ވާދަކުރީ ސްކޫލް އޮފް ނާސިން އާއި ފެކަލްޓީ އޮފް އެޑިއުކޭޝަންއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަނުންނެވެ.