ހަލާލް ޓޫރިޒަމް ހިމެނޭހެން 15 ރަށަކާއި ފަޅެއްގައި ރިސޯޓުތައް ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަކިވަކިން ކުރި އިއުލާނެއްގެ ދަށުން ހުޅުވާލި މި ފުރުސަތަކީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ އެންމެ ގިނަ ބިންތަކެއް ފަތުރުވެރިކަމަށް ދޫކުރި އެއް ފަހަރެވެ.
މި ބީލަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރެވިފައިވާ ތިން ސަރަހައްދެވެ. އެއީ ހދ. މަަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން، ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި މަަކުނުދޫގައި މަދުވެގެން 150 އެނދު ބިނާކުރަންޖެހޭއިރު، ފޮނަގާދޫ އަދި ދޮންހެރައިގައި މަދުވެގެން 100 އެނދު ބިނާކުރަންޖެހެއެވެ.
މި ރަށްތަކުގައި ރިސޯޓު ހިންގަންވާނީ 50 އަހަރުގެ މުއްދަތަށް، އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށެވެ. މީގެ ތެރޭގައި އޫރުމަހާއި ރާ ވިއްކުން މަނާކުރުމާއި، ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދިނުން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ވަކިން ދެ މިސްކިތް ބިނާކުރަން ޖެހެއެވެ.
އެންމެ ގިނަ އަދަދަކަށް ދޫކުރަން ނިންމާފައިވަނީ އުތުރުގެ އަތޮޅުތަކުން 10 ފަޅެވެ. މީގެ ތެރޭގައި ހއ. މާދުނި ފަރުން 3 ފަޅު، ހދ. މަަކުނުދޫ ފަރާއި މާފަރުން 4 ފަޅު، އަދި ށ. ގޮނާ ފަރުން 3 ފަޅު ހިމެނެއެވެ. މިއިން ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެއް ކަމަށާއި، މަދުވެގެން 150 އެނދު ތަރައްގީކުރަން ޖެހޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޮސްޓް އުޅެނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގައެވެ. ނ ވަކިވަކި ރަށްތަކުގެ ގޮތުގައި ށ. ނަލަންދޫ އާއި ނ. ފަރުމުލިވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. 63.99 ހެކްޓަރުގެ ށ. ނަލަންދޫއަށް ބިޑު ކުރާ ފަރާތްތަކުގެ މާލީ ގާބިލުކަން 10 މިލިޔަން ޑޮލަރަށް ހުންނަން ޖެހޭއިރު، ނ. ފަރުމުލީގެ ލީސް އެކިއުޒިޝަން ކޯސްޓަކީ 2.25 މިލިޔަން ޑޮލަރެވެ.
އެ ވުުޒާރާއިން ބުނީ ނަލަންދޫގައި މަދުވެގެން 200 އެނދު ތަރައްގީކުރަންޖެހޭއިރު، ފަރުމުލީގައި މަދުވެގެން 150 އެނދު ތަރައްޤީކުރަންޖެހޭނެ ކަމަށެވެ. އެ ވުޒާރާއިން ބުނީ މި ރަށްތަކާއި ފަޅުތަކުގައި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރަން 36 މަސްދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.
މި މަޝްރޫއުތަކަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން 15 އިންސައްތަ އިނާޔަތް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް 20 އިންސައްތަގެ އިނާޔަތް ލިބޭނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ ނޮވެމްބަރު 17 އިން 23 އާ ދެމެދުގެ ތާރީޚުތަކެވެ. މީގެ އިތުރުން ޕްރީ-ބިޑް މީޓިންތައް ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހުއެވެ.

