ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިލަފުށީގައި ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިލަފުށީގައި ކުރިއަށްދިޔަ ރެއިޑް އޮޕަރޭޝަނެއްގައި 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މި ރެއިޑުގެ ތެރެއިން 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން އަނބުރައި ގައުމަށް ފޮނުވާލުމަށް ހިންގި މި އޮޕަރޭޝަން އަމާޒުކުރީ ތިލަފުށީގެ ސިނާއީ ސަރަހައްދުތަކަށާއި، ވިޔަފާރިކުރާ ތަންތަނުގެ އިތުރުން މީހުން ދަތުރުފަތުރުކުރާ ސަރަހައްދުތަކަށެވެ. އެގޮތުން، ތިލަފުށީ ފެރީ ޓާމިނަލާއި، ސްޓެލްކޯ ޓީ-ޖެޓީ ސަރަހައްދާއި، އެ ރަށުގެ އެކި ސިނާއީ ޒޯންތައް ހިމެނޭހެން މުހިންމު ސަރަހައްދުތަކެއް ޖޮއިންޓް ޓީމުތަކުން ވަނީ ބަލައި ފާސްކޮށްފައެވެ.
ތިލަފުއްޓަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ސަރަހައްދަކަށް ވާއިރު، އިމިގްރޭޝަނުން ދަނީ ބިދޭސީން ގިނައިން ހަރަކާތްތެރިވާ ތަންތަނަށް އަމާޒުކޮށް މިފަދަ އޮޕަރޭޝަންތައް ވަރުގަދަކުރަމުންނެވެ.
އެގޮތުން މި މަހުގެ 6 ވަނަ ދުވަހު މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓު ސަރަހައްދުގައި ހިންގި ރެއިޑެއްގައި 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 27 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމަށް ސަރުކާރުން ވަނީ "އޮޕަރޭޝަން ކުރަނގީ" ގެ ނަމުގައި ބޮޑު މަޝްރޫއެއް ފަށާފައެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކްސް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ.

