އޮޅުވާލައިގެން މަކަރާއި ހީލަތުން މިދިޔަ ހަފްތާގައި އެކަނި ވެސް މީހުންގެ އަތުން 300،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.
އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 7 ގެ ނިޔަލަށް ސްކޭމްގެ 38 މައްސަލައެއް ރިޕޯޓުކުރި އެވެ. އެ ސްކޭމްތަކުގައި ޖުމްލަ 356،163ރ. ގެއްލުނު ކަމަށާއި ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން 245،389ރ. ހޯދާފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ މައްސަލަތައް ކަމަށް އެ ސެންޓަރުން ބުނެ އެވެ. އެގޮތުން އެފަދަ 12 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އީ ކޮމާސްގެ ނަމުގައި ހިންގި 9 ސްކޭމާއި ބުކިން ކެންސަލް ރިފަންޑް ސްކޭމްގެ ތިން މައްސަލައަކާއި އިންވެސްޓްމަންޓް ސްކޭމްގެ ހަތަރު މައްސަލައެއްގެ އިތުރުން ހުއްދަ ނެތް ޓްރާންސެކްޝަންގެ ހަތަރު މައްސަލައަކާއި ނޭނގުމުގެ ތެރޭގައި ހިނގާ ސްކޭމްގެ ތިން މައްސަލައެއް ހިމެނެ އެވެ.
އެ ސެންޓަރުން ބުނި ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ބޮޑަށް ބޭނުންކޮށްފައި ވަނީ ފޯނުކޯލާއި އައިބޭއާއި އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި ފޭސްބުކް މާކެޓް ޕްލޭސް އެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އަދި އެޕްލިކޭޝަންތަކުގެ ޓޫ-ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް އިލްތިމާސްކޮށްފަ އެވެ.

