ރާއްޖެއަށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ އިންޑިއާ ދެ މީހުންގެ އިތުރުން ތިން ދިވެހިންނެވެ. މައްސަލައިގައި ހިމެނޭ ދިވެހިންނަކީ އަހުމަދު އަފްރާހު އާއި ހަސަމް ޝަމްއޫންގެ އިލްޔާސް އަހްމަދު އެވެ. މިތިން މީހުން ތިބީ ކަސްޓީޑިއަލް ޖަލެއްގައި 10 ދުވަހަށް ބަންދުކޮށްފަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި އިންޑިއާ ދެ މީހުންނަކީ މުޙައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ.
މި މަހުގެ 9 ވަނަ ދުވަހު އަތުލައިގަތް މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް އަރާއިރު، އެ މީހުން ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ދެވަނަ ފަހަރަށް ބަންދާއިމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން ވަނީ އަހުމަދު އަފްރާހު އާއި ހަސަމް ޝަމްއޫން އަދި އިލްޔާސް އަހުމަދު 10 ދުވަހަށް ކަސްޓީޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި އިންޑިއާގެ ދެ މީހުން ކަމަށްވާ މުހައްމަދު މުސްތާކް ޖަމާލް އާއި ސިރަޖުދީން ރަޝިތާ 30 ދުވަހަށް ބަންދުކުރުމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
އެ މުއްދަތު ހަމަވެގެން މިއަދު އިންޑިއާގެ ދެމީހުން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި ދެފަރާތުގެ ލަގެޖުގެ ފުލުގައި ފޯލްސް ބޮޓަމެއް ހަދައި މަސްތުވާތަކެތި ކޮންސީލްކޮށްފައިހުރިއިރު، މި ތަކެއްޗަކީ "ބާއީ" ކިޔާ މީހަކު ފައިސާ ދޭން ބުނެގެން އެތެރެކޮށްފައިވާ ތަކެތި ކަމަށް ވަނީ ބުނެފައެވެ.
އިންޑިއާ ދެ މީހުން ރާއްޖެއަށް މަސްތުވާތަކެތީ ގެނައީ އެ މީހުން ގެނައި ލަގެޖުގެ ފުލުގައި ފޯލްސް ބޮޓަމެއް ހަދައި އެތަނުގައި މަސްތުވާތަކެތި ފޮރުވައިގެންނެވެ. ކޮންމެ މީހެއްގެ ދަބަހުން 4.166 ކިލޯގްރާމް މަސްތުވާތަކެތި ފެނިފައިވެ އެވެ.
މި ދެމީހުންނާއެކީ ހައްޔަރުކުރި ތިން މީހުންނަށް މިދިޔަ މަހު 25 ވަނަ ދުވަހު ވަނީ 30 ދުވަހު ބަންދަށް މުއްދަތު ޖަހާފައެވެ. ތިން ދިވެހީންގެ ތެރެއިން އަހުމަދު އަފްރާހުއަކީ އެމްޕީއެލްގެ ވަޒީފާގައި އުޅޭ މީހެކެވެ. އޭނާ ބުނާގޮތުގައި އެތަކެއްޗާ ހަވާލުވުމަށް ދިޔަ އިލްޔާސް އަހުމަދުއަކީ އޭނާގެ ރައްޓެއްސަކަށްވުމުން އޭނާއެކީ ދިޔައީ ކަމަށާއި ފެނުނު މަސްތުވާ ތަކެއްޗާއި އޭނާއާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ. ހަސަން ޝައްމޫނުވެސް ހައްޔަރުކޮށްފައިވަނީ ތަކެއްޗާއި ހަވާލުވުމަށް ގޮސްއުޅެނިކޮށްނެވެ.
މިމައްސަލައިގައި އަތުލައިގެން މަސްތުވާތަކެތި ތަހުލީލުކުރުމުން ޓެޓްރާހައިޑްރޯކެނެބިނޯލް އަދި ކެނެބިނޯލްއަށް ވަނީ ޕޮޒިޓިވްފެ އެވެ. މިތަކެތީގެ ބަރުދަނުގައި 8.3 ކިލޯގްރާމް ހުއްޓެވެ.

