logo

ވަޒީރު ހީނާ ވަލީދު، ދިވެހި ލިޔުންތެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި

މަޒީ
9 ގަޑިއިރު ކުރިން

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ދިވެހި ލިޔުންތެރިންނާ ބައްދަލު ކުރަށްވައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ "އިސްވަރު" ހޯލުގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމަކީ ލިޔުންތެރިންނަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ލިޔުންތެރިކަމަކީ މި ވުޒާރާއާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާއެއްކަމަށްވާތީ، ލިޔުންތެރިކަމުގެ ދާއިރާ މިހާރު އޮތް ހާލަތާއި، ލިޔުންތެރިންނަށް ދިމާވާ މައްސަލަތަކާއި، އެ ކަންކަން ހައްލުކުރުމަށްޓަކައި ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ލިޔުންތެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތަކާއި ޚިޔާލުތައް އަޑުއައްސަވައި، އެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވައި، މި ދާއިރާގެ މިހާރުގެ ހާލަތު އިތުރަށް ރަނގަޅު ކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި، ހާޟިރުވެވަޑައިގެން ތިއްބެވި ބައެއް ލިޔުންތެރިން ވަނީ ލިޔުންތެރިކަމުގައި މިހާރު ހުރި ގޮންޖެހުންތަކާއި، ޒުވާން ޖީލު ލިޔުންތެރިކަމަށް ޝައުޤުވެރިކުރުވޭނެ ބައެއް ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅަށްފަހު، އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ލިޔުއްވާފައިވާ ދެ ފޮތްކަމަށްވާ "އިސްލާމީ ސާސްތުރައިގެ ބައެއް މަލަ" މި ފޮތާއި، މަރުޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަނދާނުގައި ލިޔުއްވާފައިވާ "ޙަމީދުގެ ހަނދާނުގައި" މި ދެ ފޮތް ވަޒީރު ހީނާ ވަލީދަށް ވަނީ އަރުވާފައެވެ.

ad