logo

21,354 އުޅަނދު ފާސްކޮށް، 10,878 ޖޫރިމަނާ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

މި އަހަރުގެ ޖެނުއަރީ އެކަކުން ޖޫން 30 ގެ ނިޔަލަށް މާލޭގެ މަގުތަކުގައި ޓްރެފިކް ފުލުހުން 21,354 އުޅަނދު ބަލައިފާސްކޮށް އޭގެ ތެރެއިން 10,878 ފަހަރު ޖޫރިމަނާކޮށް 8,740 ފަހަރު ނަސޭހަތް ދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި 181 ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 118 އުޅަނދު ފާސްކޮށް 60 ޖޫރިމަނާ ކުރެވިފައިވެއެވެ. ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދު ޖޫރިމަނާ ކުރެވިފައިވާއިރު 41 އުޅަނދަށް ނަސޭހަތް ދީފައިވެއެވެ.

މަގުމަތީގެ ގަވާއިދުތައް ތަންފީޒުކޮށް އަމާންކަން ކަށަވަރުކުރުމަށްޓަކައި، މި މުއްދަތުގެ ތެރޭގައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން، ސްކޫލް ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ޖުމްލަ 10,263 ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު އެވްރެޖްކޮށް 6 ޗެކްޕޮއިންޓާއި، ޓްރެފިކް ބެލެހެއްޓުމުގެ 57 ހަރަކާތެވެ.

ޕާކިންގ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އުޅަނދުތައް ޓޯކުރުމުގެ ބަދަލުގައި އަމިއްލައަށް އެ ތަކެތި ނެގުމަށް އެދުމުގެ ގޮތުން އުޅަނދުތަކުގެ ވެރިފަރާތްތަކަށް ޖުމްލަ 23,608 ފޯނު ކޯލު ކޮށްފައިވެއެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 130 ކޯލެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޖުމްލަ 3,417 އުޅަނދެއް ޓޯކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 3,336 ސައިކަލާއި (97.63 އިންސައްތަ) ހަތަރުފުރޮޅުލީ 81 އުޅަނދެވެ. މީގެ އިތުރުން، ރަސްމީ އެކި މުނާސަބަތުތަކާ ގުޅިގެން ނޯޓިސް ދިނުމަށްފަހު 1,080 އުޅަނދެއް އެހެން ސަރަހައްދުތަކަށް ބަދަލުކުރެވުނެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، ޓޯކުރުމާއި އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ ޖުމްލަ 4,497 އަށް އަރައެވެ.

ލައިސަންސް ނެތި އުޅަނދު ދުއްވި 1,052 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު، މިއީ އެވްރެޖްކޮށް ދުވާލަކު ހަ މީހުންނެވެ. މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވި 71 އުޅަނދަކާއި، ނުރައްކާތެރިކޮށް ދުއްވުމުގެ 77 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ. އަދި ފުލުހުންގެ އެކި ތަހުގީގުތަކާ ގުޅުންހުރި 348 އުޅަނދެއްގެ އިތުރުން، ގަވާއިދާ ހިލާފަށް ބަދަލުގެނެސްގެން ދުއްވި 32 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކުރެވުނު ޖުމްލަ 10,878 ޖޫރިމަނާ 59 ބާވަތެއްގެ ކުށަށް ބެހިފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީ މުއްދަތު ހަމަވެފައިވާ މައްސަލަތަކެވެ. އެގޮތުން އަހަރީ ފީގެ މައްސަލަތަކުގައި 2,249 ޖޫރިމަނާއެއް ކޮށްފައިވާއިރު، މިއީ ޖުމްލަ ޖޫރިމަނާގެ 20.67 އިންސައްތައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވުނު 10 ބާވަތުގެ ކުށަށް އެކަނިވެސް 8,611 ޖޫރިމަނާ ކޮށްފައިވެއެވެ. މިއީ މުޅި ޖުމްލަ ޖޫރިމަނާގެ 79.16 އިންސައްތައެވެ.

ޖޫރިމަނާ ކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި އަހަރީ ފީގެ އިތުރުން، އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޑްރައިވިންގ ލައިސަންސް ނެތި ދުއްވުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުން ހިމެނެއެވެ. މީގެ އިތުރުން ނަންބަރު ޕްލޭޓްގެ މައްސަލަތަކާއި، ދުއްވަމުން ފޯނު ބޭނުންކުރުމާއި، ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ އިތުރުން، މުދާ އުފުލުމާއި ޓެކްސީ ކުރުމުގެ ގަވާއިދުތަކާ ހިލާފުވެގެން ކުރެވުނު ޖޫރިމަނާތައް ފާހަގަކުރެވެއެވެ.

ad