ރާއްޖޭގައި އަހަރަކު 517،000 ޓަނުގެ ކުނި އުފައްދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޟާ ވިދާޅުވީ، ރާއްޖޭގެ އާބަން ސެންޓަރުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.7 ކިލޯގެ ކުނި އުފައްދާ ކަމަށެވެ.
މުރުތަޟާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުނީގެ މައްސަލަ ހައްލުކޮށް އެކަން މެނޭޖު ކުރުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އަހަރަކު 517,000 ޓަނުގެ ކުނި އުފައްދާއިރު، ކޮންމެ އަހަރަކު ކުނި އުފައްދާ މިންވަރު 9 އިންސައްތަ އިތުރުވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
ކުނި މެނޭޖްކުރުމަކީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލަ ކަން މުރުތަލާ ވަނީ ފާހަގަކުރައްވާފައެވެ. ދެމެހެއްްޓެނެވި ތަރައްގީގެ ލަނޑިދަނޑިތަކަށް ވާސިލުވުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް މުރުތަލާ ވިދާޅުވިއެވެ.
ރާއްޖޭގައި އުފައްދާ ކުނީގެ މިންވަރު އިތުރުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަށާޖެހޭގޮތަށް ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ގިނަ ރަށްރަށުގައި ގާއިމުކުރެވިފައި ނެތް ކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މުރުތަލާ ވިދާޅުވީ، ކާމިޔާބުކަމާއެކީ ފުރިހަމަ ނިޒާމެއްގެ ތެރެއިން ހިދުމަތްދެވޭ ރަށްރަށް މަދު ކަމަށާއި ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހިފައިވާ ހަރަދު އިންތިހާއަށް ބޮޑު ކަމަށެވެ. އެހެންކަމުން ހިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އުފައްދާ ކުނީގެ މިންވަރު އާންމުންނަށްވުރެ އެތައް ގުނައެއް އިތުރުކަން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިޔަކު ރެޔަކު 3.5 ކިލޯގެ ކުނި އުފައްދާ ކަމަށް މުރުތަޟާ ވިދާޅުވިއެވެ.
މިކަމަށް އެ ވުޒާރާއިން މިހާރު ހާއްސަ އޮނިގަނޑެއް އެކުލަވާލެވިފައިވާ ކަމަށް މުރުތަލާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުނި މެނޭޖު ކުރުމުގެ ގަނޫނެއް އެކުލަވާލައިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުނި މެނޭޖްކުރުމުގެ ހިދުމަތް ދިނުމާއި ބެހޭ ގަވާއިދެއްގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ބެހޭ ގަވާއިދަކާއި، އެކްސްޓެންޑެޑް ޕްރޮޑިއުސަރއާއި ރެސްޕޮންސިބިލިޓީ އާއި ބެހޭ ގަވާއިދެއް ހިމެނޭ ކަމަށް މުރުތަލާ ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ އާންމު ރައްޔިތަކު އުފައްދާ ކުނީގެ މިންވަރަށްވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރު މިންވަރެކެވެ. ރަށްރަށުން މިހާރު އެންމެ ބޮޑަށް ކުރާ ޝަކުވާއަކީ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބުން ކަމަށާއި، އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރަށްރަށުގައި ކުނި މެނޭޖުކުރުމަށް އެކަށީގެންވާ ޖާގަ ނެތުން ކަމަށް ވެމްކޯއިން ބުނެއެވެ.
މީގެ އިތުރުން، މުޅި ރާއްޖޭގައި ކުނި މެނޭޖުކުރުމަށް ކުރަންޖެހޭ ހޭދަ ނުވަތަ ޚަރަދު ބޮޑުވުމަކީ ވެސް މި މަސައްކަތުގައި ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއެވެ.

