މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކުންފުނިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލުމުގެ ސުންގަޑިއަކީ 24 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
އެމްޓީސީސީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިމިވަނީ، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ02ޑިރެކްޓަރުންގެ ތެރެއިން އެއް ޑިރެކްޓަރުގެ މަގާމް ހުސްވެފައިވާތީއެވެ. ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލެވޭނީ، އެކުންފުނީގެ ހިންގާ ޤަވާއިދުގެ67ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. މީގެ އިތުރުން ކުންފުނީގެ ހިއްސާދާރަކަށް ވުމާއެކު، ސީއެމްޑީއޭގެ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތަކާއި އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ޝަރުތު ފުރިހަމަވާން ޖެހެއެވެ. އަދި ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީއާއެކު ފަސް އަހަރުގެ އަމަލީ ތަޖުރިބާ ނުވަތަ ޑިޕްލޮމާއަކާއެކު 10 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ.
ކުންފުނީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާއާއި މިހާރުގެ ޙިއްޞާ ބެހިފައިވާ ނިސްބަތަށް ރިޢާޔަތްކުރާއިރު، އެމްޓީސީސީގެ ބޯޑުގައި މައި ޙިއްޞާދާރުގެ ހައިސިއްޔަތުން ސަރުކާރު ތަމްސީލުކުރައްވާ 5 ޑިރެކްޓަރުން އަދި ޢާންމު ޙިއްޞާދާރުން ތަމްސީލުކުރައްވާ 2 ޑިރެކްޓަރުން ތިއްބަވަންޖެހެއެވެ. މިފަހަރު ހުޅުވާލެވިފައިވަނީ ޢާންމު ޙިއްޞާދާރުން ތަމްސީލުކުރާ ދެ މަޤާމުގެ ތެރެއިން ހުސްވެފައިވާ ގޮނޑިއަށެވެ.
މީގެއިތުރުން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ބޯޑުގެ ހިންގުން ހަރުދަނާކޮށް ޖެންޑަރ ޑައިވަރސިޓީ އިތުރުކުރުމުގެ ގޮތުން، މި މަޤާމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް އެމްޓީސީސީން ވަނީ ޚާއްޞަ އިލްތިމާސެއް ކޮށްފައެވެ.
ޝަރުތު ހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމިޓީން އިވެލުއޭޓް ކުރުމަށްފަހު، ނޮމިނޭޓްވާ ފަރާތްތަކުގެ މައުލޫމާތު 2026 ވަނަ އަހަރު ބާއްވާ ހާއްސަ އާންމު ޖަލްސާގެ ކުރިން ހިއްސާދާރުންނަށް އާންމުކުރާނެއެވެ. މި މަގާމަށް ޑިރެކްޓަރަކު އިންތިޚާބުކުރުން އޮންނާނީ އެ ހާއްސަ އާންމު ޖަލްސާގައެވެ.
މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެމްޓީސީސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

