ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން މާލެ-ވިލިމާލެ އެއްޤަމު މަގުން ގުޅާލައިފިއެވެ. ތިލަމާލޭ ބުރިޖަކީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައުދޭ ފަހު ސެގްމަންޓު މިހާރު ގުޅާލާފައިވާއިރު ބްރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ވަނީ ފުރިހަމަވެފައެވެ. ދެން ކުރިއަށްދާނީ ފިނިޝިންގގެ މަސައްކަތްތެކެވެ. މީގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި ލައިޓް ހަރުކުރުންފަދަ މަސައްކަތްތައް ހިމެނެއެވެ. ބުރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، ބުރިޖު މަތިން އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިން މަސައްކަތްތައް އެއްކޮށް ފުރިހަމަވުމުންކަމަށް އެފްކޮންސްއިން މައުލޫމާތުދެއެވެ.
އެހެންނަމަވެސް، ބްރިޖުގެ ފިނިޝިން މަސައްކަތްތަކާއި، ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، އަލިކުރުމުގެ މަސައްކަތްތައް ފަދަ އިތުރު އިދާރީ އަދި ފަންނީ މަސައްކަތްތަކަށް އިތުރު ވަގުތު ނަގާނެކަން ފާހަގަކޮށް އެ ކުންފުނިން ވަނީ، އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިން މަސައްކަތްތައް އެކީ ނިމުމުން ކަމަށް ބުނެފަ އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާއިރު، އެ ރަށްތަކަށް ގުޅާލާ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
އެގޮތުން ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތުދެ އެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ.
އިންޑިއާ ސަރުކާރުގެ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މުޅި މި މަޝްރޫއަށް 500 މިލިޔަން ޑޮލަރު ހޭދަވާ އިރު އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. އަދި މި މަޝްރޫއަށް ދިވެހި ސަރުކާރުންވެސް ހަރަދު ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގައި ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މި މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގަ އެވެ.

