logo

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްއަކަށް އަމްޖަދު އައްޔަނުކުރައްވައިފި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފިއެވެ.

އަމްޖަދު މުޞްޠަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ލިޔުން އަމްޖަދުއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އަމްޖަދު މުޞްޠަފާ ވަނީ ޝަރީޢާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައެވެ. އަމްޖަދުއަކީ ޤާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އަމްޖަދު މުސްތަފާ މީގެ ކުރިންވެސް ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައެވެ. އެންމެފަހުން ހުންނެވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި، އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމާއި، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރެއްވިއެވެ.

ad