އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް ފައިޞަލް ނަސީމާއި، އެމަނިކުފާނުގެ ރަނިންމޭޓް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް، ރަންނަމާރި ޗެލެންޖް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ. މިއަދު ހަވީރު، ވަރުނުލާ ރާޅުގަނޑު ސަރަޙައްދަށް ވަޑައިގެން އެ ދެބޭފުޅުން ވަނީ ރާއްޖޭގެ ސަރފިން ކޮމިއުނިޓީއަށް ހިތްވަރު ދެއްވާފައެވެ.
ދިވެހި ސާރފް ލީގު (ޑީއެސްއެލް) ގެ ބައެއްގެ ގޮތުގައި ކުރިއަށްދާ މި މުބާރާތަކީ ރާއްޖޭގެ އެންމެ މޮޅެތި ރާޅާއެޅުންތެރިން ބައިވެރިވެ، އެމީހުންގެ ހުނަރުތައް ދައްކާލައި، ޤައުމީ ފެންވަރުގެ ރާޅާއެޅުމުގެ ދާއިރާއިން ފުރުޞަތު ހޯދުމަށް ވާދަކުރަމުންދާ މުބާރާތެކެވެ.
މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ރަންނަމާރި ޗެލެންޖަކީ ރާއްޖޭގެ ރާޅާއެޅުމުގެ ކަލަންޑަރުގައި ހިމެނޭ އެންމެ ބޮޑު އެއް ހަރަކާތެވެ. މި މުބާރާތަކީ ހުނަރުވެރި ދިވެހި ރާޅާއެޅުންތެރިން އެއްތަނަކަށް ޖަމާކޮށްދީ، އެތުލީޓުންގެ ހުނަރު ދައްކާލުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން، ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ރާޅާއެޅުން ކުރިއެރުވުމަށް އެހީތެރިވެދޭ މުބާރާތެކެވެ.
މި އަހަރުގެ ރަންނަމާރި ޗެލެންޖް ކުރިއަށްދަނީ ނޮވެންބަރު 2އިން 8ގެ ނިޔަލަށެވެ. މިއީ 2026ވަނަ އަހަރުގެ ދިވެހި ސާރފް ލީގު ސީޒަން ނިންމައިލުމުގެ ގޮތުން ބާއްވާ އެންމެ ފަހު މުބާރާތެވެ.
މި ލީގުގެ މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރާޅާއަޅާ ތަންތަނުގައި ކުރިއަށްދާއިރު، މިއީ އެކި އަތޮޅުތަކުގެ ރާޅާއެޅުންތެރިންނަށް މުބާރާތްތަކުގައި ވާދަކުރުމުގެ ތަޖުރިބާ ހޯދައި، ހުނަރު ތަރައްޤީ ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެކެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ސަރފިން ސްޕޮޓްތަކެއް ހުރި ރާއްޖެއަކީ، ވާދަވެރި ކުޅިވަރެއްގެ ގޮތުގައާއި ސްޕޯޓްސް ޓޫރިޒަމްގެ ބައެއްގެ ގޮތުގައި ވެސް ރާޅާއެޅުން އިތުރަށް ތަރައްޤީ ކުރުމުގެ ބޮޑު ޤާބިލުކަމަކާއި ފުރުޞަތުތަކެއް އޮތް ޤައުމެކެވެ.
ފައިޞަލް ނަސީމާއި އާދަމް ޢާޒިމް މާލޭ ރާޅުގަނޑު ސަރަޙައްދުގައި ކުރިއަށްދާ ރަންނަމާރި ޗެލެންޖް ބައްލަވާލައްވައިފި

ދިވެހި ޗެނަލް
21 ގަޑިއިރު ކުރިން

