ގާނޫނާހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ އެފަދަ މައްސަލަތައް ބެލުމަށް ޓާސްކްފޯސްއެއް އެކުލަވާލައިފައިވާ ކަމަށާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާނަމަ އެކަން ފުލުހުންނަށް ހުށަހެޅުމަށެވެ.
އެހެންކަމުން މިފަދ ފަރާތްތަކު މައުލޫމާތު ހުށަހެޅުމަށް ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކޮށްގެން ހިއްސާކުރެވޭނެކަމަށާއި، އެސްއެމްއެސްގެ އިތުރުން ވައިބާރ، ވަޓްސްއަޕް، އަދި ޓެލްގްރާމް މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް މައުލާުމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.
އަދި އެ ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރާ އެއްވެސް ފަރާތެއްގެ ވަނަވަރާއި، އެ ފަރާތްތަކުން ފޮނުވާ މައުލޫމާތުގެ ސިއްރު ހިފަހައްޓައި ފުރިހަމައަށް ރައްކާތެރިކޮށްދޭނެކަމަށާއި، މައުލޫމާތު ދޭ ފަރާތްތަކުން، އެ މައްސަލަތަކުގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ނުވަތަ މަރުހަލާއެއްގައި ބައިވެރިވާން ނުޖެހޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

.jpg&w=256&q=75)
