"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި ފޯމު ހުށައެޅި ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް އެކަން އަންގަން ފަށައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ގަވާއިދުން ޕޯޓަލް ޗެކް ކުރަމުން ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.
އެ ވުޒާރާއިން ބުނީ، ފުލެޓާއި ގޯއްޗަށް އެދި ފޯމު ހުށައެޅުމާ ގުޅޭ އެންމެހާ މަރުހަލާތައް ނިމި، މިހާރު ކުރިއަށްދަނީ އެޕްލިކަންޓުންގެ ގޯތި ގެދޮރާއި ބިންވެރިކަމާގުޅޭ މަޢުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތްތައް ކަމަށެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށު ކައުންސިލުތައް، ސިޓީ ކައުންސިލުތައް އަދި އެހެނިހެން އިދާރާތަކުގައިވެސް ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މައުލޫމާތުތައް އެއްކޮށްފައިވާ ކަމަށެވެ.
މީގެތެރެއިން ރަޖިސްޓްރީއާ ގުޅިގެން ފުށުއަރާ މީހުންނަށް އެކަން އަންގާ، އެކަމަށް ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މި މައުލޫމާތު ބަލާނީ މުޅިން އޮޓަމޭޓެޑް ޕްލެޓްފޯމަކުން ކަމަށާއި، މައުލޫމާތު ފުށުއަރާ ފަރާތްތަކަށް އަންގާނީ، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އެގޮތުން މައުލޫމާތު ފުށުއަރާ މީހުން، އެކަމަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ކަމާގުޅޭ ބައެއް އިދާރާތަކުގައި ހުރި މައުލޫމާތުތަކަކީ އެންމެ ރަނގަޅަށް ބަލަހައްޓާ، އަދާހަމަ ކުރެވިގެން އައިސްފައިވާ މައުލޫމާތުތަކަށްނުވާތީ، އެކަން ފޯމުގެ ވެރިފަރާތައް އަންގާ އެއަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދާއިރު މި ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަނެއް ވަނީ ހުށަހަޅާފައެވެ.
މީގެ ތެރޭގައި ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކެވެ. އެގޮތުން ފްލެޓަށް އެދި އެކަނިވެސް 35،930 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22،575 އެޕްލިކޭޝަނެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ އެޕްލިކޭޝަން އިވެލުއޭޓްކޮށް، ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އެންގުމަށް މަސައްކަތް ކުރަމުންނެވެ.

